ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު، އަދި ޤާނޫނީ ވަކީލު އަޙްމަދު ނާޒިމް ޢަބްދުއްސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ރޭގެ ވަގުތެއްގައި ޒަޚަމްކޮށްލައިފިއެވެ.
ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓް އެ ހޮސްޕިޓަލުން ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ މެންދަމު 00:09 ހާއިރުއެވެ. މި ހާދިސާގައި އަނިޔާލިބިފައިވަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށްވެސް ފުލުހުން ފާހަގަކުރެއްވިއެވެ.
އަނިޔާ ލިބުނު ފަރާތުގެ ވަނަވަރު ފުލުހުން ރަސްމީކޮށް ހާމަނުކުރި ނަމަވެސް، އެއީ ނާޒިމް ސައްތާރުކަން މިހާރު ވަނީ ކަށަވަރުވެފައެވެ. ނަމަވެސް، އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްޞީލެއް މިހާތަނަށް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.
މި ހަމަލާގެ ފަހަތުގައިވަނީ ކޮން ބައެއްކަމާއި، މިފަދަ ހަމަލާއެއް ދޭންޖެހުނު ސަބަބު އަދި މިހާތަނަށް ސާފުވެފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންނެވެ.




