ރައީސް މުއިއްޒު އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް

މިހާރުގެ ޤާނޫނުއަސާސީގެ ދަށުން ޖެހިޖެހިގެން ދެވަނަ ދައުރަކަށް އިންތިޚާބުވާ ފުރަތަމަ ރައީސަކަށް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އއ. ހިމަންދޫ ކައުންސިލްގެ ބައި-އިލެކްޝަން ޕީއެންސީން ކާމިޔާބު ކުރުމާ ގުޅިގެން ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގިނަ ދުވަސްތަކަކަށްފަހު ޕާޓީގެ ޕޯޑިއަމަކުން ފެނިވަޑައިގަތް އަބްދުއްރަހީމް ވިދާޅުވީ، މިއީ ޕީއެންސީގެ ސަޕޯޓަރުން މާޔޫސްވާންވީ ވަގުތެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި އާ ހިތްވަރަކާއެކު ކުރިއަށްދާންވީ ވަގުތު ކަމަށެވެ.

އަދި 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ރައީސް މުޢިއްޒު ކާމިޔާބު ކުރައްވާނީ ރައްޔިތުންގެ ބޮޑު ތާއީދަކާއެކު ވަރަށް ތަފާތު ބޮޑު ނަތީޖާއަކުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، މަގުމަތީގައި ދެކެވޭ ތަފާތު ވާހަކަތަކަށް ސަމާލުކަން ނުދީ، 2028 ގެ އިންތިޚާބަށް ތައްޔާރުވުމަށް އަތުކުރި އޮޅާލަން ޖެހޭ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ޕީއެންސީން ރައްދު ދޭނީ އަމަލާއި ނަތީޖާއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރީގެ ރައީސް ޔާމީނަށާއި ޕީއެންއެފްއަށް ނުސީދާކޮށް ފާޑުވިދާޅުވަމުން، އެއީ އަމިއްލަ އެދުމުން ފުރިފައިވާ ބައެއް ކަމަށް އަބްދުއްރަހީމް ސިފަކުރެއްވިއެވެ. އަދި ޕީއެންސީއަކީ އިންތިޚާބުތަކުން ބަލިވުމުން ކޯޓަށް ގޮސްގެން ނަތީޖާ ބަދަލުކުރަން އުޅޭނެ ބައެއް ނޫން ކަމަށާއި، އެ ޕާޓީން އަބަދުވެސް ރައްޔިތުންގެ ނިންމުމަށް އިޙުތިރާމް ކުރާނެ ކަމަށް ވިދާޅުވިއެވެ.

މިއީ ރައީސް މުޢިއްޒާއި އަބްދުއްރަހީމާ ދެމެދު މައްސަލަތަކެއް އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށްފަހު، ޕާޓީގެ ހަރަކާތަކުން އަބްދުއްރަހީމް ފެނިވަޑައިގަތް ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް