ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރެވޭ އުސޫލަށް ގެނައި ބަދަލަކީ، މި މަހުގެ ތެރޭގައި ސަރުކާރުން އަދާކުރި ބޮޑު ދެ ދަރަންޏާ ގުޅުންހުރި ކަމެއް ނޫން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވަނީ މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު 524 މިލިއަން ޑޮލަރުގެ ސުކޫކެއް ދައްކާފައެވެ. އޭގެ އިތުރުން، އެ މަހުގެ ފަހުކޮޅު އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ވަނީ ހަލާސްކޮށްފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބީއެމްއެލް އިން ވަނީ ރާއްޖޭން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން ކުރާ މުއާމަލާތްތަކަށް ހުރަސްތަކެއް އަޅައި، އޮންލައިންކޮށް ވިޔަފާރިކުރުމަށް ދީފައިވާ ބައެއް ލުއިތައް އުނިކޮށްފައެވެ. ބޭންކުން ބުނާ ގޮތުގައި މި ފިޔަވަޅުތައް އަޅަން ޖެހުނީ ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ޑޮލަރުގެ ހިދުމަތް ބޭނުންކުރާތީ އެކަން ހުއްޓުވުމަށެވެ.

ނަމަވެސް، ބައެއް ފަރާތްތަކުން ތުހުމަތު ކުރަނީ ބޭންކުން މިފަދަ ހަރުކަށި ފިޔަވަޅެއް އެޅީ ސަރުކާރުން ބޮޑެތި ދަރަނިތަކެއް ދެއްކުމުގެ ސަބަބުން ޑޮލަރުގެ ތާށިކަން ކުރިމަތިވުމުން ކަމަށެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ވަނީ މި ވާހަކަތައް ދޮގުކުރައްވާފައެވެ.

ތަރުޖަމާނު މުންދު ވިދާޅުވީ، ސަރުކާރުން ދެއްކި ލޯނުތަކުގެ ސަބަބުން ދައުލަތުގެ ފައިސާގެ އޮހުމަށް ނުވަތަ ކޭޝް ފްލޯއަށް އެއްވެސް ދަތިކަމެއް ކުރިމަތިވެފައި ނުވާ ކަމަށެވެ. އަދި ބީއެމްއެލް އިން ނިންމި ނިންމުމާ އެ ދަރަނިތައް ދެއްކުމާ އެއްވެސް ސީދާ ގުޅުމެއް ނެތް ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

ބޭންކަށް ލިބޭ ޑޮލަރަށްވުރެ ބޭރުވާ މިންވަރު އިތުރުވަމުންދާތީ، ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއެކު ބޭރު ފައިސާ ފޯރުކޮށްދިނުމަށްޓަކައި ބީއެމްއެލް އިން ވަނީ އައު އުސޫލުތަކެއް ތަންފީޒުކުރަން ފަށާފައެވެ. މީގެ ތެރޭގައި ކޮންމެ ކަސްޓަމަރަކަށްވެސް ދުވާލަކު އަދި މަހެއްގެ މައްޗަށް ބޭނުންކުރެވޭނެ ވަކި ލިމިޓެއް ކަނޑައެޅުން ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް