މި ދުވަސްވަރު ރާއްޖޭގައި އިންފުލުއެންޒާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ބޮޑު އީދު ބަންދުގެ ކުރިން ވެކްސިން ޖެހުމަށް އެތެރެހަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު އަލީ އިލްތިމާސްކުރައްވައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އިންފުލުއެންޒާއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަހަކަށްވުރެ މަހެއް އަންނަނީ އިތުރުވަމުންނެވެ. އެޗްޕީއޭއިން ފާހަގަކުރި ގޮތުގައި، ސްކޫލްތަކާއި އޮފީސްތައް ފަދަ ގިނަ މީހުން އެއްވެއުޅޭ ތަންތަނުގައި މި ބަލި ފެތުރުމުގެ ފުރުސަތު ބޮޑެވެ.
ބަލި ފެތުރުން އިތުރުވަމުންދާތީ، ޑޮކްޓަރު މުހައްމަދު އަލީ ވަނީ އީދު ބަންދު ފެށުމުގެ ދެ ހަފުތާ ކުރިން ވެކްސިން ޖެހުމަށް އިރުޝާދު ދެއްވާފައެވެ. އެއީ ވެކްސިން ޖެހުމަށްފަހު، ހަށިގަނޑުގައި ބައްޔާ ދެކޮޅަށް މަސައްކަތްކުރާނެ ދިފާއީ ބާރު އުފެދުމަށް ގާތްގަނޑަކަށް ދެ ހަފުތާގެ މުއްދަތެއް ބޭނުންވާތީއެވެ.
މީގެ އިތުރުން، ހައްޖުގެ އަޅުކަމަށް ފުރާ މީހުންވެސް ފުރުމުގެ މަދުވެގެން ދެ ހަފުތާ ކުރިން އިންފުލުއެންޒާ ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އިންފުލުއެންޒާއަކީ ނޭވާލާ ނިޒާމަށް ޖެހޭ ވައިރަލް އިންފެކްޝަނެކެވެ. މި ބަލި އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހަކު ކެއްސައި ނުވަތަ ކިނބިހިއަޅާއިރު ބޭރުވާ ކުޅާއި އަރިދަފުހުގެ ތިކިތަކުގެ ޒަރީއާއިންނެވެ. ބަލީގެ ފާހަގަކޮށްލެވޭ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުންއައުން، ކެއްސުން، ކަރުގައި ރިއްސުން، ނޭފަތުން އަރިދަފުސް ފޭބުން، ގައިގައި ރިއްސުން، އަދި ވަރުބަލިވުން ހިމެނެއެވެ.



