އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ބަންކަރިންގެ ޚިދުމަތުން މިދިޔަ މަހުގެ ނިޔަލަށް ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް ބަންކަރިންގެ ޚިދުމަތުން 923.46 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށެވެ. އަދި މިއީ ރާއްޖެއަށް އާންމުކޮށް އެތެރެކުރާ ތެލުގެ އިތުރުން، މުޅިން އަލަށް ފެށި މަސައްކަތުން ލިބުނު އާމްދަނީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ޚާއްޞަ ބަނދަރެއް ނެތި މި ފެށުނު މަސައްކަތުން ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެއް ބިލިއަނާ ގާތްކުރާ މިންވަރަށް އާމްދަނީ އިތުރުވެފައިވެއެވެ. ބަންކަރިންއަށް ބޭނުންކުރާ ތެލުގެ 85 އާއި 90 އިންސައްތައަކީ ރާއްޖެއަށް އަލަށް އެތެރެކުރާ ތެޔޮ ކަމަށާއި، މީގެ ކުރިން މި ވިޔަފާރި ބޮޑަށް ބިނާވެފައި އޮތީ ސްރީލަންކާ ފަދަ އަވައްޓެރި ގައުމުތަކުގެ މައްޗަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ 19 ސެޕްޓެމްބަރު 2024 ގައެވެ. މި ޚިދުމަތް އެސްޓީއޯއިން ކުރިއަށްގެންދަނީ ދުނިޔޭގެ ތެލުގެ ބާޒާރުގައި ނުފޫޒުގަދަ ކުންފުންޏެއް ކަމަށްވާ "ވިޓޯލް" އާ ގުޅިގެން، ދެ ބޯޓު ބޭނުންކޮށްގެންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް