ފ. ފީއަލީ ފަޅުތެރޭގައި އޮތް ތެޔޮ ދޯންޏެއްގައި މިދިޔަ މަހުގެ 9 ވަނަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބޮޑަށް ފިހިގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދިޔަ ބިދޭސީ މީހާ ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އެ ދޯނީގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 40 އަހަރުގެ ޑެލޯވާއެވެ. އޭނާގެ ހަށިގަނޑު ގައުމަށް ފޮނުވާލުމަށްޓަކައި ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް އިއްޔެ ވަނީ ނިންމާފައެވެ.
ހާދިސާ ހިނގުމާއެކު އޭނާއަށް ފުރަތަމަ ފަރުވާދީފައިވަނީ ފީއަލީ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް، ހާލަތު ސީރިއަސްވުމުގެ ސަބަބުން އެ ދުވަހު ނިލަންދޫ ހޮސްޕިޓަލަށް ގެންގޮސް، ފަހުން ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ. އޭނާ ނިޔާވިއިރު އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގައެވެ.
މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ދޯނީގެ ޕަމްޕު ސްޓާޓްކުރަން އުޅުމުގެ ތެރޭގައި ހިފި ހުޅެއްގެ ސަބަބުންނެވެ. ތިން ގަޑިއިރެއްހާއިރުގެ މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު، މި ހާދިސާގައި އެ ސަރަހައްދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.




