މާލޭގެ ގަލޮޅު ސަހަރާގައި މިހާރު ހުރި މޯޗަރީ، ހުޅުމާލެ ސަހަރާ ހުންނަ ބިމަށް ބަދަލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ގަލޮޅު ސަހަރާގައި 1975 ވަނަ އަހަރު މޯޗަރީގެ ހިދުމަތް ދޭން ފެށިއިރު، އެތަނުގައި ފުރަތަމަ ބޭއްވެނީ އެންމެ ދެ ހަށިގަނޑެވެ. ނަމަވެސް، އެކި ދުވަސްވަރު ގެނެވުނު ބަދަލުތަކާއެކު، މިހާރު އެތަނުގައި އެއްފަހަރާ ހަ ހަށިގަނޑު ބޭއްވުމުގެ ގާބިލުކަން ވަނީ ގާއިމުކޮށްފައެވެ.
މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ ހުޅުމާލެ ސަހަރާ މިސްކިތުގެ ބިމުގައި މޯޗަރީގެ އައު އިމާރާތެއް ބިނާކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 1:30 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ކައުންސިލުން ހާމަކުރި ގޮތުގައި، މި ބީލަމުގައި ބައިވެރިވެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، ޕާޓްނާޝިޕްތަކާއި، ލޯކަލް އިންވެސްޓްމަންޓްތަކުގެ އިތުރުން ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ދިވެހި ފަރާތްތަކަށެވެ.
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި، ހުޅުމާލޭގައި އަލަށް ބިނާކުރާ މޯޗަރީއަކީ އެއްފަހަރާ 10 ހަށިގަނޑު ބޭއްވޭވަރުގެ ޖާގަ ތަނަވަސް ތަނެކެވެ. އަދި އެ އިމާރާތުގައި ދެ މުވައްޒަފުންނަށް ތިބެވޭނެ ގޮތަށް އެކޮމޮޑޭޝަންގެ ހިދުމަތްވެސް ގާއިމުކުރެވޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.




