އެޗްއާރްސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކުރާނަން: ފުލުހުން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ޝާއިއުކޮށްފައިވާ "ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް" (އެންޕީއެމް)ގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާކަންކަން އިސްލާހު ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ރިޕޯޓާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މުއައްސަސާތަކުގެ ޒިންމާދާރުކަން އިތުރު ކުރުމާއި، ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުމާއި، އަދި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި މިނިވަން މުއައްސަތަކުން އަދާކުރާ މުހިންމު ދައުރު އެ ހިދުމަތުން ބަލައިގަންނަ ކަމަށެވެ.

ވަކިން ހާއްސަކޮށް، "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އެގެއިންސްޓް ޓޯޗާ އެންޑް ދަ ކުރުއަލް، އިން ހިއުމް އޯ ޑީގްރޭޑިން ޓްރީޓްމަންޓް އޯ ޕަނިޝްމަންޓް (އޮޕްޓެކް) ގެ ދަށުން ކުރިއަށް ގެންދާ މޮނިޓަރިންގެ މަސައްކަތްތަކަކީ ގައުމީ ފެންވަރުގައި އެކަމަށް ދެވިފައިވާ މުހިންމު އަހަންމިއްޔަތުކަން ރަނގަޅަށް ދޭހަކޮށްދޭ ކަމެއްކަމަށް ދެކޭ ކަމަށް ފުލުހުން ބުންޏެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ މުޅި ނިޒާމަށް އަމާޒުކޮށްފައިވާ، އަދި ވަކި މުއައްސަސާއަކަށް އެކަނި ދިމާވެފައިވާ ގޮންޖެހުންތަކެއް ނޫންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

"އަދި މި ރިޕޯޓުގައި ހިމެނޭ ހޯދުންތަކަކީ ކަންކަން އިސްލާހު ކުރުމަށް ދީފައިވާ އިރުޝާދުތަކަކާއި ލަފާތަކެއް ކަމަށާއި އެއީ ގާނޫނީ ގޮތުން ކުށެއް ނުވަތަ ނުރަނގަޅު އަމަލެއް ހިންގާފައިވާކަން ކަނޑައަޅާ ނިންމުންތަކެއް ނޫންކަން ފާހަގަ ކުރުން މުހިންމު،." ފުލުހުން ނެރުނު ބަޔާނުގައި ބުންޏެވެ.

ފުލުހުން ބުނީ ރިޕޯޓާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ހަބަރު ގެނެސްދިނުމުގައި ބޭނުންކޮށްފައިވާ ބައެއް ބަސް މަގާއި މާނަކޮށްފައިވާ ގޮތާ މެދު ކަންބޮޑުވާ ކަމަށެވެ. ރިޕޯޓުގެ އަސްލު މަގްސަދާއި އޭގައި ބަޔާންކޮށްފައިވާ ކަންކަމުގެ ފުންމިނަށް ބެލުމެއް ނެތި، މުއައްސަސާތަކަށް ކުރިމަތިވެފައިވާ ވަސީލަތްތަކާއި އޮޕަރޭޝަނަލް ގޮންޖެހުންތަކަށް ރިއާޔަތްނުކޮށް ހަބަރު ފަތުރާފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.އާންމުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގައި ކަންކަމުގެ އަސްލަށް ވާސިލުވެ، ޒިންމާދާރުކަމާއެކު ހަބަރު ފެތުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި އެޗްއާރްސީއެމްއާއި ކަމާބެހޭ އެހެނިހެން ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމުގެ ދެމި އޮންނާނެ ކަމަށާއި އަދި އެ ހިދުމަތުގެ މަސައްކަތްތައް ގާނޫނުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތް ކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް