ވައިބަރއިން ފޮނުވި ލިންކެއް މެދުވެރިކޮށް ބެންކު އެކައުންޓުން 50،000 ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. އޮމެގާ / މާލެ، މޫސާ މުޙައްމަދު (38އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ 2 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު މޫސާ މުޙައްމަދު ވަނީ ފޭސްބުކް މެސެންޖަރ މެދުވެރިކޮށް ވިކްޓިމްއާ ގުޅުން އުފައްދާފައެވެ. އަދި ވައިބަރ މެދުވެރިކޮށް މޫސާ މުޙައްމަދު އެ މީހާއަށް ފޮނުވި ލިންކަކަށް ފިތައިލުމުން ފޯނު ރީސެޓުވެ، އެ މީހާގެ ބެންކު އެކައުންޓުގައި ހުރި 50,000 ރުފިޔާ ވަނީ ކެނޑިފައެވެ. އެ ފައިސާ ޖަމާވެފައި ވަނީ މޫސާ މުޙައްމަދުގެ ނަމުގައިވާ އެކައުންޓަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ނުދަންނަ ފަރާތްތަކުން ފޮނުވާ ލިންކުތަކަށް ނުފިތުމަށް ތަކުރާރުކޮށް އިލްތިމާސްކުރަމެވެ.



