ހުޅަނގު މޫސުމުގެ ފެށުމާއެކު ރާއްޖޭގެ މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.
މިއަދު މެންދުރުފަހު 12:30 އިން ފެށިގެން އިރުއޮއްސި 6:30 އާ ހަމައަށް ނެރުނު މި އެލާޓުގައި ބުނެފައިވަނީ، އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.
މިއީ އިރުވައި މޫސުން ނިމި، ހުޅަނގު މޫސުމުގެ އަސަރު ރާއްޖެއަށް ފޯރަން ފެށުމުގެ ނިޝާންތަކެކެވެ. އާންމު ގޮތެއްގައި މެއި މަހުގެ ކުރީކޮޅު ދެކުނުގެ އަތޮޅުތަކަށް ހުޅަނގުގެ އަސަރު ފޯރަން ފެށި ނަމަވެސް، މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް މި މޫސުން ފެތުރިގެންދެއެވެ. މިދިޔަ އަހަރު ރާއްޖެއަށް ހުޅަނގު މޫސުން ރަސްމީކޮށް ފެށިފައިވަނީ މެއި މަހުގެ 26 ވަނަ ދުވަހުއެވެ.
މި ދުވަސްވަރަކީ ދެ މޫސުން ބެދޭ ދުވަސްވަރު ކަމަށްވުމުން، ކުއްލި ގަދަ ވަޔާއެކު މޫސުން ގޯސްވުމުގެ ފުރުސަތު ބޮޑުކަމަށް ކަމާބެހޭ އިދާރާތަކުން ފާހަގަކުރެއެވެ.



