އިދިކޮޅުގެ މުޒާހަރާތަކަށް ފިޔަވަޅު އަޅަން ޕީއެންސީގެ ގަރާރެއް މަޖިލީހަށް

އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށްގެންދާ މުޒާހަރާތަކަކީ ގާނޫނާ ހިލާފު ހަރަކާތްތަކެއް ކަމަށް ކަނޑައަޅައި، އެކަންކަން ހުއްޓުވުމަށް ގޮވާލާ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.

މި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބައެއް ސިޔާސީ ޕާޓީތަކުން އަމަލުކުރަމުންދަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ކަމަށާއި، މީގެ ސަބަބުން މުޖުތަމައުގެ އަމަންއަމާންކަން ގެއްލި، ގާނޫނީ އިމުން ބޭރުން ކަންކަން ހިނގަމުންދާ ކަމަށެވެ.

މީގެ އިތުރުން، މިފަދަ ނުރަނގަޅު ހަރަކާތްތަކުގެ ސަބަބުން މާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް އާންމު ދިރިއުޅުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭކަންވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، ގާނޫނާ ހިލާފަށް ހިންގާ މިފަދަ ހަރަކާތްތައް ވަގުތުން ހުއްޓުވައި، އެކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ޕީއެންސީގެ މި ގަރާރުގައި ވަނީ އިލްތިމާސްކޮށްފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް