31 ދުވަހުގެ ތެރޭގައި މިލަންދޫ އެއާޕޯޓް ހެދުމަށް ބޭނުންވާ ބިން ހިއްކައިފި

ށ.މިލަންދޫގައި އެއާޕޯޓު ގާއިމުކުރުމަށް ބޭނުންވާ ބިން ހިއްކުމަށްޓަކައި ފެށި މަޝްރޫއުގެ ދަށުން އެ ރަށުގެ ބިމަށް އިތުރުކުރާ 21 ހެކްޓަރުގެ ބިން ހިއްކައި ނިންމަލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނުވަނީ ށ.މިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާކަން އިއުލާނުކުރައްވައި، އެ މަޝްރޫއުގެ ބައެއް ތަފުސީލުތައް ހިއްސާކުރައްވާފައެވެ.

އެމަނިކުފާނު ހިއްސާކުރެއްވި މައުލޫމާތަށް ބަލާއިރު މި ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދިޔައީ ކުއީން އޮފް ނަދަލެންޑްސް ޑްރެޖަރު ބޭނުންކޮށްގެންނެވެ. އެ ޑްރެޖަރަކީ 35،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުންނަ ބޮޑު ޑްރެޖަރެކެވެ. މި ޑްރެޖަރުންވަނީ ބިން ހިއްކުމަށް 1،134،534 (އެއް މިލިއަން އެއްލައްކަ ތިރީސް ހަތަރުހާސް ފަސް ސަތޭކަ ތިރީސްހަތަރު) އަކަ ކޮޑިމީޓަރުގެ ވެލި ބިން ހިއްކުުމަށް އަޅާފައވެއެވެ.

އެ ޑްރަޖަރު ބޭނުންކޮށްގެން އޭޕްރީލު ތިންވަނަ ދުވަހު ފެށި ބިން ހިއްކުމުގެ މަސައްކަތް ނިންމައިލެވުނީ މޭ މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެހެންކަމުން ބިން ހިއްކުމުގެ މަޝްރޫއަށް ހޭދަވީ ޖުމްލަ 31 ދުވަހެވެ.

ޖުމްލަ 21 ހެކްޓަރު ހިއްކައި ނިންމާފައިވާއިރު، އެއާޕޯޓު މަޝްރޫއަށް މިލަންދޫގެ ބިމުން 4.9 ހެކްޓަރުގެ ބިމުން ގަސް ނަގަންޖެހޭނެއެވެ. އެއާޕޯޓު މަޝްރޫއަށް ބޭނުންކުރާނީ ހިއްކި ބިން ހިމެނޭހެން ޖުމްލަ 25.90 ހެކްޓަރުގެ ބިމެކެވެ.

މިލަންދޫ އެއާޕޯޓަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ސަރުކާރުން ތަރައްގީކުރަން ފަށާފައިވާ ގިނަ އަދަދެއްގެ ޑޮމެސްޓިކް އެއާޕޯޓުތަކުގެ ތެރެއިން އެއް އެއާޕޯޓެވެ. ޑޮމެސްޓިކް އެއާޕޯޓުތަކުގެ ވިއުގަ ފުޅާކުރުމަށް ސަރުކާރުން ހިންގަމުންދާ މަޝްރޫއުގެ ދަށުން ގިނަ ރަށްރަށުގައި އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިންތައް ހިއްކުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ވަރަށް ހަލުއިކޮށް ކުރިއަށްގެންދަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް