ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އަމާޒުކޮށް "އަދަދު" ނޫހުން ތައްޔާރުކުރި ޑޮކިއުމެންޓްރީއާ ގުޅިގެން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ އެކްސެސް ކޯޑުތައް ނުވަތަ ޕާސްވޯޑްތައް ހަވާލުކުރުމަށް ކްރިމިނަލް ކޯޓުން އެ ނޫހުގެ މައްޗަށް އަމުރުކޮށްފިއެވެ.
"އައިޝާ" ގެ ނަމުގައި މިދިޔަ މަހު އާންމުކުރި މި ޑޮކިއުމެންޓްރީގެ ތަހުގީގަށް، މިދިޔަ މަހުގެ 27 ވަނަ ދުވަހު ފުލުހުން ވަނީ އެ ނޫހުގެ އިދާރާ ބަލައި ފާސްކޮށްފައެވެ.
މި ބަލައި ފާސްކުރުމުގެ ތެރެއިން، އެ އޮފީހުގައި ބޭނުންކުރާ ކޮމްޕިއުޓަރު ސިސްޓަމްތަކާއި ލެޕްޓޮޕްތަކުގެ އިތުރުން ތަފާތު އިލެކްޓްރޯނިކް އާލާތްތައް ފުލުހުން ވަނީ އެ ފަރާތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި، ހިފެހެއްޓި ތަކެތި ތަހުގީގީ ބޭނުމަށްޓަކައި ހަތަރު މަސް ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ ހުއްދަ ވަނީ ދީފައެވެ.
މީގެ އިތުރުން، އެ ތަކެތީގެ ޕާސްވޯޑްތައް ފުލުހުންނާ ހިއްސާކުރުމަށްވެސް ކޯޓުން ވަނީ އެ ނޫހަށް އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، "އަދަދު" ނޫހުން ގެންދިޔަ ތަކެތި ބަލައި ފާސްކުރަންވާނީ މީޑިއާ ކައުންސިލުން ކަނޑައަޅާ މަންދޫބެއްގެ ހާޒިރުގައެވެ.
ހަމައެއާއެކު، އެ ތަކެތީގައި ހިމެނޭ މައުލޫމާތުގެ ސިއްރުހިފެހެއްޓުމަށާއި، ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށްވެސް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.





