ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް، މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާމިނަތު ޝިރުނާ މިއަދު އައްޔަންކުރައްވައިފިއެވެ.
އެންސްޕާގެ ސީއީއޯގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ހީނާ ވަލީދު، މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން މިނިސްޓަރ އޮފް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
އާމިނަތު ޝިރުނާ ވަނީ މީގެ ކުރިން ސިއްހީ ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރެއްވިއިރު، ދަމަނަވެއްޓާއި ބްލަޑް ސާވިސްގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބެލެހެއްޓެވުމުގެ އިސް ޒިންމާތަކެއް އޭނާ ވަނީ އަދާކުރައްވާފައެވެ.
ސިޔާސީ ދާއިރާއާ ގުޅިވަޑައިގަތުމުގެ ކުރިން، ޝިރުނާ ވަނީ ނާސިންގެ ދާއިރާގައި 23 އަހަރުގެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ އައިޖީއެމްއެޗްގެ ނާސިން ޑިޕާޓްމަންޓުގެ އިސް މަގާމުތަކެއްވެސް ފުރުއްވާފައެވެ.




