އަތޮޅު ކައުންސިލްތައް އިއާދަ ކުރަން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ބޭރުކޮށްފި
މިހާރު ހިނގަމުންދާ ދައުރު ހަމަވުމާ އެކު އަތޮޅު ކައުންސިލްތައް އުވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ކުރިން އޮތް ގޮތަށް ބަދަލުކޮށް، އަތޮޅު ކައުންސިލްތައް މިހާރު ވެސް އޮތް ގޮތަށް ބާއްވަން ގާނޫނު އަސާސީ އަށް ހުށައެޅި އިސްލާހު ޕީއެންސީގެ މެޖޯރިޓީން މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މި މަޖިލީހަށް ހުށަހެޅުނު ބިލު ބަލައިނުގަނެ، މިއަދު ވަނީ ބޭރުކޮށްލާފައެވެ. މި ބިލު ބޭރުކޮށްލުމަށް ވެރިކަންކުރާ ޕީ.އެން.ސީ އަށް ނިސްބަތްވާ 45 މެންބަރަކު ވޯޓު ދެއްވިއިރު، ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 8 މެންބަރުންނެވެ.

މެންބަރު ކުޑޫ ހުށަހެޅުއްވި މި ބިލުގައި ބަޔާންކޮށްފައިވަނީ، 2010 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ ލާމަރުކަޒީ ނިޒާމު ހަރުދަނާވަމުން ދަނިކޮށް، އަތޮޅު ކައުންސިލްތައް އުވާލުމަކީ އެ ނިޒާމަށް ލިބުނު ބޮޑު އުނިކަމެއް ކަމަށެވެ. އަދި ގާނޫނުއަސާސީން ތަސައްވުރުކުރާ ލާމަރުކަޒީ އުސޫލުތަކަށް މި ބަދަލުގެ ސަބަބުން ހުރަސް އެޅިފައިވާ ކަމަށްވެސް ބިލުގައި ފާހަގަކޮށްފައިވެއެވެ.

މީގެ ކުރިން ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ގެނައި އިސްލާހަކުން އަތޮޅު ކައުންސިލްތަކުގެ ބައި އުނިކޮށްފައިވާއިރު، ކުޑޫ ހުށަހެޅުއްވި ބިލުގެ މަގުސަދަކީ އެ މާއްދާގެ ދަށުން އަތޮޅު ކައުންސިލްތައް އަލުން އިއާދަކުރުމެވެ.

އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅޭގޮތުން އިދިކޮޅު އެމް.ޑީ.ޕީ އިން ކަންބޮޑުވުން ފާޅުކުރަމުން ބުނެފައިވަނީ، މިއީ ސަރުކާރުން ބޭނުންވާ ބަޔަކު އަތޮޅުތަކުގެ އިސް މަގާމުތަކަށް އައްޔަންކޮށް، ނުފޫޒު ފޯރުވުމަށް ކުރި ކަމެއް ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އަތޮޅު ކައުންސިލްތައް އުވާލުމުން ސަލާމަތްވާ ބަޖެޓު ރަށު ކައުންސިލްތަކަށް ބަހާލެވޭނެ ކަމަށާއި، މީގެ ސަބަބުން ރަށު ކައުންސިލްތަކަށް ލިބޭ މާލީ އެހީތެރިކަން އިތުރުވެގެންދާނެ ކަމަށެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް