މިއަހަރު ތެރޭގައި ރަޝިއާގެ ކޮންސިއުލޭޓް ރާއްޖޭގައި ހުޅުވާނެ: މާރިއާ ޒަޚަރޯވާ

ރަޝިއާ ސަރުކާރުން ރާއްޖޭގައި ކޮންސިއުލޭޓް ޖެނެރަލްއެއް 2026 ވަނަ އަހަރު ރަސްމީކޮށް ހުޅުވާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ވިދާޅުވެއްޖެ އެވެ.

މިއީ ރަޝިއާގެ ބޮޑުވަޒީރު މިޚައިލް މިޝުސްޓިން ކުރިން ނިންމަވާފައިވާ ނިންމެވުންތަކާ އެއްގޮތަށް ކުރިއަށްދާ މަސައްކަތެކެވެ. އަލަށް ހުޅުވޭ މި ކޮންސިއުލޭޓްގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް ޒިޔާރަތްކުރާ ރަޝިއާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާތީއާއި، ރާއްޖޭގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތުންނަށް ބޭނުންވާ ކޮންސިއުލާ ހިދުމަތްތައް ސީދާ ގޮތުން ފޯރުކޮށްދިނުމެވެ.

މީގެ ތެރޭގައި ވިސާގެ ހިދުމަތްތަކާއި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ރަސްމީ ލިޔެކިޔުންތަކުގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

މިހާތަނަށް ރަޝިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ކަންކަން ބަލަހައްޓަމުން އައީ ސްރީލަންކާގައި ހުންނަ އެ ގައުމުގެ އެމްބަސީ މެދުވެރިކޮށެވެ. އެހެންކަމުން، މާލޭގައި ކޮންސިއުލޭޓް ޖެނެރަލްއެއް ގާއިމުކުރުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ހާރިޖީ ގުޅުން އައު ހަރުފަތަކަށް އުފުލިގެންދާނެ ކަމެކެވެ.

މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެއެވެ. 2024 ވަނަ އަހަރުގެ ފަހުކޮޅު ފަތްކޮޅު އެރުއްވި ކޮންސިއުލް ޖެނެރަލް އަލެކްސީ އިޑަމްކިން މިހާރު ގެންދަވަނީ އޮފީހުގެ މަސައްކަތްތައް ފެށުމަށް ބޭނުންވާ ތައްޔާރީތައް ކުރައްވަމުންނެވެ.

ރަޝިއާގެ މި ކޮންސިއުލޭޓްގެ ހިދުމަތްތައް ފެށުމަށް ތާވަލުކުރެވިފައިވަނީ 2026 ވަނަ އަހަރުއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް