މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ

މިއަދު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެ، އާންމު ދަތުރުފަތުރަށް ބުރޫއަރަމުންދާތީ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފަށައިފިއެވެ.

އެމްއެންޑީއެފުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާލެއަށް ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، އާންމުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައެވެ. އެގޮތުން މިއަދު ހެނދުނު 09:10 އިން ފެށިގެން މެންދުރު 13:00 އާ ހަމައަށް، ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބާރަށް ގުގުރާނެއެވެ.

މީގެ އިތުރުން، މިއަދު ހެނދުނު 07:15 އިން ފެށިގެން މެންދުރު 13:00 އާ ހަމައަށް ނ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ބުނީ މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިއަދު އިރުއޮއްސި 18:00 އާ ހަމައަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެއެވެ. ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރާއިރު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

ކަނޑުތަކުގެ ހާލަތަށް ބަލާއިރު، އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ނަމަވެސް، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް