ރާއްޖޭގެ އަތޮޅުތަކުގައި ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި އެކުލަވާލާފައިވާ ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަޙައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދުގެ ދަށުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހުއްދަ ދީގެން ކުރިއަށްގެންދާ ފަޅު ފުންކުރުމާއި ހިއްކުމުގެ މަޝްރޫޢުތަކާ ގުޅިގެން، ގިނަ އަދަދެއްގެ ޝަކުވާތައް ލިބެމުންދާ ކަމަށް އެ އެޖެންސީން ބުނެފިއެވެ.
އީޕީއޭ އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ އޮތޯރިޓީއަށް ލިބިފައިވާ ޝަކުވާތަކުގެ ތެރޭގައި ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމައަށް ނާޅާ ފަޅު ފުންކުރުމާއި ހިއްކުމުގެ މަޝްރޫޢުތަކާ ގުޅޭ މަސައްކަތްތައް ކުރިއަށްގެންދިޔުން ހިމެނޭ ކަމަށެވެ. އެގޮތުން، ހިއްކުމުގެ މަސައްކަތުގެ ސަބަބުން، ފަޅުތެރޭގައި އުފެދޭ ސެޑިމެންޓޭޝަންގެ އަސަރު ކުޑަކުރުމަށް، ހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން ޖަހަންޖެހޭ ބަންޑްވޯލް އަދި ސިލްޓް ސްކްރީން ގާއިމްނުކުރުމާއި، ވެލި ނެގުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކުގެ ބޭރުން ވެލި ނެގުމުގެ ސަބަބުން، މީހުން ދިރިއުޅޭ ރަށްރަށާއި ޓޫރިސްޓް ރިޒޯޓްތަކާއި މާކައިރިންވެލިނެގުމާއި، މޫސުން ގޯސްވެ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ރީނދޫ ސަމާލު ނެރެފައިވާ ދުވަސްވަރުގައި ވެސް މަސައްކަތް ކުރަމުންދިއުން ހިމެނޭ ކަމަށް އީޕީއޭ އިން ބުންޏެވެ.
އެހެންކަމުން އީޕީއޭ އިން ވަނީ، މިފަދަ މަޝްރޫޢުތަކަށް މިއޮތޯރިޓީއިން ފާސްކޮށްފައިވާ އީ.އައި.އޭ ރިޕޯޓުތަކުގައި، މަޝްރޫޢުގެ ސަބަބުން ކުރިމަތިވާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ބަޔާންކޮށްފައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރުމަށް އަންގައިފައެވެ.
މިގޮތުން، ބަންޑްވޯލް އަދި ސިލްޓް ސްކްރީން ގާއިމްކުރުމާއި، އަތޮޅުތެރެއިން ވެލިނަގާނަމަ، މީހުން ދިރިއުޅޭ ރަށްރަށާއި ރިޒޯޓުތަކުގެ ހައުސް ރީފް އިން ފެށިގެން މަދުވެގެން 500 މީޓަރ ދުރުމިނެއް ބެހެއްޓުމާއި، މިފަދަ މަޝްރޫޢަކަށް މިއޮތޯރިޓީއިން ދޫކޮށްފައިވާ 'ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަޙައްދު ހިއްކުމާއި ފުންކުރުމުގެ ހުއްދައިގައިވާ "އެޕްރޫވްޑް ބޮރޯ އޭރިއާ" އެތެރެއިން ވެލިނެގުމަށް އަންގަމެވެ. ހަމައެއާއެކު، ހޮޕަރ ޑްރެޖަރ ބޭނުންކުރުމުގައި، އެކި ސަރަޙައްދުތަކަށް ދަތުރުކުރުމުގެ ކުރިން އޯވަރފްލޯ ކޮންޓްރޯލް ވޭލްވްސް ފުރިހަމައަށް ބަންދުކޮށްފައި ހުރިތޯ ޔަޤީންކުރުމަށާއި، ފަރުތަކާއި ނާޒުކު ސަރަހައްދުތަކާ ދުރުން، ކަނޑައެޅިފައިވާ ޑްރެޖަރ ރޫޓްތައް ބޭނުންކުރުމާއި، ދަތުރުކުރަމުންދާއިރު، ޓަރބިޑިޓީ މޮނިޓަރކޮށް، ލެވެލް މަތިނަމަ އޮޕަރޭޝަންތަކަށް ބަދަލުގެނައުމުގެ އިތުރުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ރީނދޫ ސަމާލު ނެރެފައިވާ ދުވަސްވަރުގައި ވެލިނެގުމާއި ހިއްކުމުގެ މަސައްކަތް މަޑުޖައްސާލުމަށްވެސް އީޕީއޭ އިން ވަނީ އަންގައިފައެވެ.
މީގެ އިތުރުން، ނޭޝަނަލް އޮޝެނިކް އެންޑް އެޓްމޮސްފިއަރިކް އެޑްމިނިސްޓްރޭޝަން (އެން.އޯ.އޭ.އޭ) ގެ ކޮރަލް ރީފް ވޮޗްގެ ތަފާސްހިސާބުތަކަށް ބަލާ އިރު، 2026 ވަނަ އަހަރު އޭޕްރީލް މަހުން ފެށިގެން ދިވެހިރާއްޖެ ހިމެނޭ ސަރަހައްދުގައި މުރަކަ ހުދުވުމުގެ ފުރުސަތު އޮތުމާއެކު، މިހާރު "އެލާޓް ލެވެލް: "ވޮޗް" އަށް އަމަލުކުރަމުންދާ އިރު، ކުރިއަށް އޮތް 12 ހަފްތާގެ ތެރޭގައި "އެލާޓް ލެވެލް 1" (ބޮޑެތި ބްލީޗިން އެކަށީގެންވާ) އަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށާއި، މިއާ ގުޅިގެން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކަށް ހަރުދަނާ ގޮތެއްގައި އިތުރު ފިޔަވަޅުތައް އެޅުމަށް، ކަނޑައެޅިފައިވާ މިންގަނޑުތަކުގެ ތެރެއިން މަސައްކަތްތައް ބައްޓަންކުރުމަށް ސަމާލުކަން ދިނުމަށްވެސް އީޕީއޭ އިން ވަނީ ހަނދުމަކޮށްދީފައެވެ.
"ވީމާ، މި ފަދަ ނާޒުކު ދުވަސްވަރެއްގައި މި އޮތޯރިޓީއަށް ހުށަހެޅޭ އިސްވެ ބަޔާންވެދިޔަ ފަދަ ޝަކުވާތައް ދަނީ ޚާއްސަ އިސްކަމެއްދީ ވަރަށް ގާތުން ބަލައި، އެ ފަދަ މަޝްރޫޢުތައް މޮނިޓަރ ކުރަމުން. އަދި މި އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަތަކާ ޚިލާފަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަ ދަންނަވަން"، އީޕީއޭގެ އިޢުލާނުގައި ވެއެވެ.
އީޕީއޭ އިން ވަނީ، މަޝްރޫޢުތައް ހިންގަވާ ހުރިހާ ފަރާތްތަކުން ވެސް، އެ އޮތޯރިޓީން ފާސްކޮށްފައިވާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުތަކާއި އަދި ދޫކޮށްފައިވާ ހުއްދަތަކާ އެއްގޮތަށް މަސައްކަތްކުރުމަށާއި، މަޝްރޫޢުގެ ކޮންސްޓްރަކްޝަން އަދި އޮޕަރޭޝަނަލް މަރުޙަލާތަކުގައި ކަނޑައަޅާފައިވާ އެންވަޔަރަމަންޓަލް ޕެރަމީޓަރސް މޮނިޓަރކޮށް، ރިޕޯޓުތަކުގައިވާ މޮނިޓަރިންގ ތާވަލާއެއްގޮތަށް، އެންވަޔަރަމަންޓަލް މޮނިޓަރިން ރިޕޯޓް އެ އޮތޯރިޓީއަށް ހުށަހަޅަމުން ގެންދިއުމަށް އިލްތިމާސްކޮށްފައެވެ.



