ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ޖުމްލަ 296 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. 2025 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 47 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު މި އަދަދު ވަނީ މަހަކު 74 މިލިއަން ޑޮލަރަށް އުފުލިފައެވެ. ޓީޓީތަކަށް ބަލާއިރު، ޖުމްލަ 40,944 މުއާމަލާތަކަށް 136 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެވްރެޖް ކަމަށްވާ މަހަކު 15 މިލިއަން ޑޮލަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. މިއަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 34 މިލިއަން ޑޮލަރު ޓީޓީތަކަށް ވަނީ ވިއްކާފައެވެ.
2026 ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަހު ޓީޓީއަށް ޑޮލަރު ދޫކުރި ތަފްސީލަށް ބަލާއިރު، ޖަނަވަރީ މަހު 35 މިލިއަން ޑޮލަރު (10,838 ޓީޓީ)، ފެބްރުވަރީ މަހު 34 މިލިއަން ޑޮލަރު (10,551 ޓީޓީ)، މާރިޗު މަހު 37 މިލިއަން ޑޮލަރު (10,600 ޓީޓީ) އަދި އޭޕްރީލް މަހު 30 މިލިއަން ޑޮލަރު (8,955 ޓީޓީ) ވަނީ ވިއްކާފައެވެ. މީގެ އިތުރުން، އޭޕްރީލް މަހުގެ ނިޔަލަށް ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ބޭނުމަށް 160 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ.
ރާއްޖެއަށް ވަންނަ އަދި ބޭރުވާ ފައިސާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 1.58 ބިލިއަން ޑޮލަރު ރާއްޖެއަށް ވަދެފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.26 ބިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެކެވެ. ނަމަވެސް، ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ އަދަދުވެސް ވަނީ 1.03 ބިލިއަން ޑޮލަރުން 1.45 ބިލިއަން ޑޮލަރަށް އިތުރުވެފައެވެ. ކްރޮސްބޯޑަރ މުއާމަލާތްތަކަށް ބަލާއިރު، ރާއްޖެއަށް 306 މިލިއަން ޑޮލަރު ވަދެފައިވާއިރު، 414 މިލިއަން ޑޮލަރު ވަނީ ބޭރަށް ފޮނުވާފައެވެ.




