ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް ހަރުދަނާކޮށް، އެކަން ހަމަހަމަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު އާ ފިޔަވަޅުތަކެއް އިޢުލާނުކޮށްފިއެވެ.
މި ބަދަލުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ، އޮންލައިންކޮށް މުދާ ގަންނަ ސައިޓުތަކުން ނުވަތަ އީ-ކޮމާސް ޕްލެޓްފޯމްތަކުން ވިޔަފާރިކުރާއިރު ކޮންމެ ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ހެދޭނީ ގިނަވެގެން 30 ޓްރާންސެކްޝަން ކަމަށް ބޭންކުން ކަނޑައެޅުމެވެ. ބޭންކުން ހާމަކުރި ގޮތުގައި، އީ-ކޮމާސް ސައިޓުތަކުން މަހަކު 30 އަށް ވުރެ ގިނަ ޓްރާންސެކްޝަން ހަދަނީ ކަސްޓަމަރުންގެ އެންމެ ތިން އިންސައްތައަށް ވުރެ މަދު އަދަދެއްގެ މީހުންނެވެ. މި ފިޔަވަޅަކީ ވިޔަފާރީގެ ބޭނުމަށް އަމިއްލަ ރުފިޔާ ކާޑު ބޭނުންކޮށްގެން ގިނަ އަދަދަކަށް ބޭރު ފައިސާ ބޭނުންކުރާ ފަރާތްތައް ކޮންޓްރޯލްކޮށް، ލިބެން ހުރި ބޭރު ފައިސާ ގިނަ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ.
މީގެ އިތުރުން، ބީއެމްއެލް އާއި މޯލްޑިވްސް އިމިގްރޭޝަނާ ދެމެދު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަނާއެކު، ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓް އެކްޓިވްވާނީ ހަމައެކަނި އެ މީހަކު ރާއްޖެއިން ބޭރުގައި ހުންނަ ވަގުތުތަކުގައެވެ. މީގެ ސަބަބުން ރާއްޖޭގައި ތިބެގެން، ބޭރުގައި ހުންނަ އޭޓީއެމް ނުވަތަ ޕީއޯއެސް މެޝިންތަކުން ފައިސާ ނެގުމާއި ވިޔަފާރިކުރުން ހުއްޓޭނެއެވެ.
ބޭރުގައި ކިޔަވާ ކުދިންނަށް ލުއި ދިނުމުގެ ގޮތުން، އަމިއްލަ ކާޑެއް ނެތް ކުދިންނަށް ބެލެނިވެރިޔާގެ ކާޑު ބޭނުންކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެފަދަ ކުދިންނަށް "ސްޓޫޑަންޓް ކާޑު" ދޫކުރުމަށް ބޭންކުން ތިން މަސްދުވަހުގެ މުއްދަތެއް ދޭނެ ކަމަށާއި، ކާޑު ލިބެންދެން ބެލެނިވެރިޔާގެ ކާޑު ބޭނުންކުރެވޭނެ ކަމަށް ބޭންކުން ބުނެއެވެ.
ބޭންކުން އިތުރަށް ހާމަކުރި ގޮތުގައި:
- ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކަށް ވަކި ލިމިޓެއް ނޯންނާނެއެވެ.
- އެއް ކްރެޑިޓް ކާޑަށް ވުރެ ގިނަ ކާޑު ގެންގުޅޭ ފަރާތްތަކުގެ އަތުން އަހަރީ ފީ ނަގާނީ ހަމައެކަނި އެއް ކާޑަށެވެ.
- ޓީޓީތަކަށް ބޭރު ފައިސާ ބޭންކު ހުޅުވިފައި ހުންނަ ގަޑީގައި ވިއްކި ނަމަވެސް، ފައިސާ ހަމަޔަށް ހުރެގެން ފޮނުވާ ޓީޓީތައް ބަންދު ދުވަސްތަކުގައިވެސް ފޮނުވޭނެއެވެ.
- ޓީޓީތައް ސްޕްލިޓްކޮށްގެން (ބަހާލައިގެން) ފޮނުވާ ފަރާތްތައް މޮނިޓަރކޮށް، އެފަރާތްތަކަށް ލިމިޓްގެ ތެރެއިން ފައިސާ ވިއްކުމަށް ވަނީ ނިންމާފައެވެ.
ބީއެމްއެލް އިން ބުނީ މި ބަދަލުތަކަކީ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ، އާންމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވީހާވެސް އިންސާފުވެރިކަމާއެކު ބޭނުންކުރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.




