ގަބޫލުނަމަ ވަގުތީ ޗެއާޕާސަނަކަށް ވާން ބޭނުން: ނަޝީދު
އެމްޑީޕީގެ ޗެެއާޕާސަން އިންތިހާބު ފަސްކޮށް އިންތިގާލީ އިންތިޒާމެއް ހަމަޖައްސަން ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ ހުށަހެޅުއްވުމާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު އެޕާޓީގެ ލީޑަޝިޕާ ހަވާލުވެވަޑައިގަންނަވަން ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕްގައި ކުރެއްވި މެސެޖެއްގަ އެވެ. އެ މެސެޖުގައި ނަޝީދު ވިދާޅުވީ ގައުމީ މަޖިލީހުގެ މެންބަރުން ގަބޫލުނަމަ ވަގުތީ ޗެއާޕާާސަނަކަށް ވުމަށް އިއުތިރާޒެެއް ނެތް ކަމަށެވެ.

"ޖީއެމް [ގައުމީ މަޖިލީހުގެ މެންބަރުން] ގަބޫލުނަމަ، ވަގުތީ ޗެއާކަން ކުރުމަށް އަޅުގަނޑުގެ އިއުތިރާޒެއް ނެތް،" ނަޝީދުގެ މެސެޖުގައި ވެ އެވެ.

އެމްޑީޕީން ޗެއާޕާސަން ހޮވުމުގެ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ 12 ގައެވެ.

ނަމަވެސް ސަރުކާރުން ދޭން ޖެހޭ ފައިސާ އަދި ލިބިފައި ނެތުމާއި، ސަރުކާރު ޖަވާބުދާރީކުރުވުމަށް މިވަގުތު ހުރަސްއެޅޭ ކަމަށް ބުނެ، އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބު ފަސްކުރަން ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަޕޯ) މިރޭ ވަނީ ހުށަހަޅުއްވައިފި އެވެ.

އިންތިހާބު ފަސްކުރަން އެދިވަޑައިގަންނަވާ ސަބަބަކަށް ގަފޫރު ވިދާޅުވީ އިންތިހާބު މިވަގުތު ބާއްވައިފި ނަމަ ޕާޓީގެ އެތެރޭގެ މަސްލަަހަތު ގެއްލި ސަރުކާރު ޖަވާބުދާރީކުރުވަން ހުރަސްތަކެއް ކުރިމަތިވާނެތީ އާއި މި އަހަރު ސަރުކާރުން ލިބެންޖެހޭ އެއްވެސް ފައިސާއެއް ޕާޓީއަށް ލިބިފައިނުވާތީ ޕާޓީ ހިންގުމަށާއި އިންތިހާބު ބާއްވަން އެއްވެސް ފައިސާއެއް ނެތުމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް