މީކާއިލް ނަސީމް

އެމްޑީޕީގެ ޗެއާޕަސާން އިންތިހާބު ފަސްކުރަން ފެންނަ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވި ވިދާޅުވުމާއި އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ދެކޮޅު ހަދައިފި އެވެ.  

އެމްޑީޕީގެ ޗެއާޕާސަންކަމުން ފައްޔާޒު އިސްމާއިލް މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމުން ވަގުތީ ޗެއާޕާސަނަކު އައްޔަންކޮށް، އެ މަގާމަށް މީހަކު ހޮވުމަށް އަންނަ 12 ޖޫންގައި އިންތިހާބު ބޭއްވުމަށް އެ ޕާޓީން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

ނަމަވެސް އެ އިންތިހާބު ފަސްކުރުމަށް ގައުމީ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމަށް، ވަގުތީ ޗެއާޕާސަންކަން ކުރައްވަމުން ގެންދަވާ އަބްދުލްގަފޫރު މޫސާ މިރޭ ވަނީ އެދިވަޑައިގެންފަ އެވެ.

މިކަމާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓުގައި މީކާއީލް ވިދާޅުވެފައިވަނީ ޕާޓީން ކުރިން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަންޖެހޭނެ ކަމަށެވެ. އަދި ވަކި ބަޔަކަށް ފައިދާވާނެ ގޮތަކަށް އިންތިހާބުގެ ތާރީޚުތަކާ ނުކުޅުއްވުމަށާއި، ކޮމިޓީން ނިންމާފައިވާ ނިންމުންތަކަށް އިހްތިރާމް ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

"ޕާޓީގެ ޗެއާޕާސަން އިންތިހާބު ލަސްކުރަން އުޅޭ އުޅުމަކީ އަޅުގަނޑު ވެސް އަދި މިޕާޓީގެ އެއްވެސް މެންބަރެއް ވެސް ބަލައިގަންނާނެ ކަމެއް ނޫން. ޕާޓީން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިހާބު ކުރިއަށް ގެންދަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމާއި އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. ނަމަވެސް މީގެ ކުރިން އެ މަގާމަށް ވާދަކުރައްވާނެކަން ހަމަކުރެއްވި އަލްހާން ފަހުމީ މިހާރު ވަނީ ވާދަނުކުރައްވާނެކަން ހާމަކުރައްވައިފަ އެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް