އަންނަ ޖޫން މަހު ބާއްވަން ނިންމާފައިވާ ޗެއާޕާސަންގެ އިންތިހާބު ފަސްކުރަން، ވަގުތީގޮތުން އެ މަގާމުގައި ހުންނެވި އަބްދުލްގަފޫރު މޫސާ މިއަދު އެދިވަޑައިގެންފި އެވެ.
އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގޫރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައި ގަފޫރު ވަނީ، ަޗެއާޕާސަން އިންތިހާބާއިއެކު ދާއިރާތަކުގެ އިންތިހާބު ވެސް ފަސްކުރުމަށް ހުށަހަޅުއްވާފަ އެވެ. އެ މެސެޖުގައި ވާގޮތުން، އިންތިހާބު ފަސްކުރަން ހުށަހަޅުއްވަނީ، އެ ދެ އިންތިހާބު މިވަގުތު ބާއްވައިފި ނަމަ ޕާޓީގެ އެތެރޭގެ މަސްލަަހަތު ގެއްލި ސަރުކާރު ޖަވާބުދާރީކުރުވަން ހުރަސްތަކެއް ކުރިމަތިވާނެތީ އެވެ. އަދި، އިންތިހާބު ބޭއްވުމަށް ޕާޓީގައި އެއްވެސް ފައިސާއެއް ވެސް ނެތް ކަމަށް ގަފޫރު ވިދާޅުވި އެވެ. އެކަމާ ގޮތެއް ނިންމުމަށް އޭނާ ނުހިމެނޭހެން، ވަގުތީ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ގަފޫރު ހުށަހެޅުއްވި އެވެ. އަދި އެކަމާ އިސް ފަރާތްތައް ވާހަކަދައްކުމަށްފަހު، ގައުމީ މަޖިލީހަށް ހުށަހަޅައި ގޮތެއް ނިންމުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
މި އިންތިހާބު ބާއްވަން މިހާރު ނިންމާފައިވަނީ އަންނަ 12 ޖޫންގަ އެވެ. އެ މަގާމަށް ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އިންތިހާބު ފަސްކުރުމަށް މީކާއިލް ވަނީ ދެކޮޅު ހައްދަވާފަ އެވެ. އޭނާ މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިއުލާންކޮށްފައިވާ ތާރީހުތަކުގައި އިންތިހާބު ބާއްވަންޖެހޭ ކަމަށާއި ފަސް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި، ވަކި ބައެއްގެ ފައިދާއަށް އިންތިހާބާއި ނުކުޅުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.




