މަސައްކަތްތެރިންގެ ނާޖައިޒު ފައިދާ ނެގުން ހުއްޓުވާނަން: އިހުސާން

ދިވެހި އިގްތިސާދުގެ "މައިބަދަ" އަކީ މަސައްކަތްތެރިން ކަމަށް ސިފަކުރައްވައި، ބިދޭސީންގެ ނާޖައިޒު ފައިދާ ނެގުން ހުއްޓުވައި ދިވެހިންނަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި ހާއްސަ ހިނގާލުމުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި، މިނިސްޓަރު ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ސަރުކާރުން މިހާރު މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

ބިދޭސީން "އެކްސްޕްލޮއިޓް" ކުރުން ހުއްޓުވުން

ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ގެނެސް، އެމީހުންގެ ނިކަމެތިކަމުގެ ނާޖައިޒު ފައިދާ ނެގުމަކީ ބޮޑުވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، އެފަދަ އަމަލުތައް ހުއްޓުވުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

"ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން އެކްސްޕްލޮއިޓްކުރުން ހުއްޓުވާ، ދިވެހީންނަށް މަސައްކަތްތެރި މާހައުލުގައި ފުރުސަތުތައް ފަހިކޮށްދިނުމަކީ އަޅުގަނޑުމެންގެ މަގްސަދަކީ،" ވަޒީރު ވިދާޅުވިއެވެ.

ދިވެހިންނަށް އިސްކަންދިނުން

މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ، މަސައްކަތުގެ މާހައުލުގައި ދިވެހިންނަށް ހުރި ދަތިތައް ދެނެގަނެ، ކުރުރާސްތާގައާއި ދުރުރާސްތާގައި އެކަންކަމަށް ދާއިމީ ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މަސައްކަތްތެރިންނަށް ރައްކާތެރި އަދި އަބުރުވެރި މާހައުލެއް ގާއިމުކޮށްދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

މިއަދު ބޭއްވި ހިނގާލުމަކީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވުޒާރާއިން އިސްނަގައިގެން، ދައުލަތުގެ މުއައްސަސާތަކާއި އެކި ފަންނުތަކުގެ މަސައްކަތްތެރިން ބައިވެރިވި ކުލަގަދަ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ގައުމު ބިނާކުރުމުގައި މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް