ހުޅުމާލޭ މެދުދާއިރާގެ ވޯޓު އަލުން ގުނަން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިނުގަތް

ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލޭ މެދުދާއިރާގެ ގޮނޑީގެ ވޯޓުތައް އަލުން ގުނައިދިނުމަށް އެދި އިދިކޮޅު އެމްޑީޕީން ހުށަހެޅި އިންތިހާބީ ޝަކުވާގެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން މިއަދު ނިންމައިފިއެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސަނީހް ހަނީފެވެ. އޭނާއަށް 916 ވޯޓު ލިބިވަޑައިގަތްއިރު، އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ސަފާތު އަހުމަދު ޒާހިރަށް ލިބިވަޑައިގަތީ 905 ވޯޓެވެ. ދެ ކެންޑިޑޭޓުންގެ ދެމެދުގައި އޮތީ އެންމެ 11 ވޯޓުގެ ތަފާތެކެވެ.

އެމްޑީޕީން ކޯޓަށް މައްސަލަ ހުށަހެޅީ ބާތިލް ވޯޓުގެ އަދަދު 400 އަށް ވުރެ ގިނަވުމާއި، ވޯޓު ގުނުމުގައި އިދާރީ އޮޅުންތަކެއް ހުރި ކަމަށް ބުނެއެވެ. އެ ޕާޓީން ބުނެފައިވަނީ ބައެއް ބާތިލް ވޯޓު ސައްހަ ވޯޓުގެ ގޮތުގައި ގުނާފައިވާ ކަމަށާއި، ވޯޓު އަލުން ގުނައިފިނަމަ ނަތީޖާއަށް ބަދަލު އަތުވެދާނެ ކަމަށެވެ.

ނަމަވެސް ހައި ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމެވީ، ވޯޓު އަލުން ނުގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ގޯސްވާ ސަބަބެއް އެމްޑީޕީއަށް ގާނޫނީ ގޮތުން ސާބިތުކޮށްދެވިފައި ނުވާތީ، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. މީގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކާ ގުޅޭގޮތުން އެމްޑީޕީން ހުށަހެޅި އެހެން މައްސަލަތައް ވެސް ކޯޓުން ވަނީ ބަލައިނުގަންނަން ނިންމާފައެވެ.

މާލެ ސިޓީ ކައުންސިލްގެ 17 ގޮނޑީގެ ތެރެއިން 15 ގޮނޑި އެމްޑީޕީން ކާމިޔާބު ކުރިއިރު، ސަރުކާރު ހިންގާ ޕީއެންސީއަށް ކާމިޔާބު ކުރެވުނީ އެންމެ 2 ގޮނޑިއެވެ. އޭގެ ތެރޭގައި މިހާރު މައްސަލަ އުފެދިފައިވާ ހުޅުމާލޭ މެދުދާއިރާ ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް