ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލްއާ ގުޅިގެން ސަރުކާރުން ކުރި މަސައްކަތުން ޖެޓް ފިއުލްގެ އަގު ތިރިކުރެވިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިއްޔެ ވަނީ ހާމަކުރައްވާފައެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ރާއްޖޭގައި ވެސް ޖެޓް ފިއުލްގެ އަގު މީގެ ކުރިން ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ކުރިން ވިދާޅުވެފައިވާ ގޮތުގައި، ހަނގުރާމައިގެ ނޭދެވޭ އަސަރުތަކާ ހުރެ ޖެޓް ފިއުލް ލީޓަރެއްގެ އަގު 1.19 ޑޮލަރުން 1.69 ޑޮލަރަށް ވަނީ އުފުލިފައެވެ. މިއީ ގާތްގަނޑަކަށް 42 އިންސައްތައިގެ ބޮޑުވުމެކެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، ތެލުގެ އަގު ބޮޑުވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމަކަށް ވާތީ، ސަރުކާރުން އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން ކުރެވުނު މަސައްކަތުން މިހާރު ޖެޓް ފިއުލް ލީޓަރަކުން 24 ސެންޓް ކުޑަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މެދުއިރުމަތީގެ މަސްރަހު ރަނގަޅުވަމުންދާ ވަރަކަށް، ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި އިތުރު ލުއިތަކެއް ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޖެޓް ފިއުލްގެ އަގު ބޮޑުވުމަކީ ވައިގެ ދަތުރުފަތުރުގެ އަގުތަކަށް ސީދާ އަސަރުކުރާ ކަމެކެވެ. އައިލެންޑް އޭވިއޭޝަނުން ވެސް މީގެ ކުރިން ބުނެފައިވަނީ ރާއްޖޭގައި ތެލުގެ އަގު ހުރި ގޮތުން އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވާން މެދުވެރިވާ ކަމަށެވެ. މިދިޔަ ދުވަސްތަކުގައި ތެލުގެ އަގު މައްޗަށް ދިއުމާ ގުޅިގެން، ގައުމީ އެއާލައިން މޯލްޑިވިއަންއިން ފަތުރުވެރިންނަށް ވިއްކާ ޓިކެޓްގެ އަގުތައް ވެސް ވަނީ ބޮޑުކޮށްފައެވެ.




