ގޮނޑި ގެއްލޭ އިސްލާހު ބާތިލުނުކުރެވޭނެކަމަށް ހުކުމްކޮށްފި
ސިޔާސީ ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަކީ ދުސްތޫރީ ގޮތުން ސައްހަ ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި ހުކުމް އައީ، މެންބަރުން ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮތް އުސޫލަކީ ގާނޫނުއަސާސީގެ އަސާސްތަކާ ފުށުއަރާ ކަމެއް ކަމަށް ބުނެ، ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލައިގައި އެމްޑީޕީން ވެސް ވަނީ ބައިވެރިވެފައެވެ.

އަލީ ހުސައިން ކޯޓުގައި ވަކާލާތު ކުރެއްވީ، މި އިސްލާހުގެ ސަބަބުން ގާނޫނުއަސާސީގެ 26، 75 އަދި 90 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހައްގުތަކަށް ހުރަސްއެޅޭ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ރިޔާސީ ނިޒާމުގެ ބާރުތައް ވަކިވެފައި އޮންނަ އުސޫލަށް ބުރޫއަރާނެ ބަދަލެއް ކަމަށް ވިދާޅުވެ، އެ އިސްލާހަކީ ބާތިލު އެއްޗެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގަތެވެ.

މި މައްސަލައިގެ ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ފާހަގަކުރެއްވީ، ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ އިހުތިޔާރު މަޖިލީހަށް އޮންނަ ކަމަށާއި، ދިމިގްރާތީ އެހެން ގައުމުތަކުގައި ވެސް މިފަދަ އުސޫލުތައް އޮންނަ ކަމަށެވެ. އެހެންކަމުން، މި އިސްލާހަކީ ގާނޫނުއަސާސީގެ ސިޔާދަތާ ހިލާފު އެއްޗެއް ކަމަށް ބަލާނެ ގާނޫނީ ބިނާއެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، 2017 ވަނަ އަހަރު ވެސް މިފަދަ ގާނޫނެއް ސައްހަ ކަމަށް ކޯޓުން ނިންމާފައިވާކަން ހަނދާންކޮށްދެއްވަމުން، މި އިސްލާހު 20 ވަނަ މަޖިލީހުގެ މައްޗަށް ވެސް ހިނގާނެ ކަމަށް ވިދާޅުވިއެވެ.

މި ނިންމުމަށް ބެންޗުގައި ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުން ތާއީދު ކުރެއްވިއިރު، ތަފާތު ރައުޔެއް ނެރުއްވީ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދެވެ. ޝުޖޫން ވިދާޅުވީ، މެންބަރުން އިންތިޚާބު ކުރަނީ ވަކި ފަރުދަކަށް ބަލައިގެން ކަމަށްވާތީ، ޕާޓީގެ މަސްލަހަތަށްވުރެ ރައްޔިތުންގެ މަސްލަހަތު އިސްކުރުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށެވެ. މި މައްސަލަ ބެއްލެވި ބެންޗުގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު ޝުޖޫންގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހިމް، ފަނޑިޔާރު ހުސައިން ޝަހީދު، ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ހިމެނިވަޑައިގެންނެވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް