ނޫސްވެރިން ޒިންމާދާރުވާން ނައިބު ރައީސް ގޮވާލައްވައިފި

މަޢުލޫމާތު ފެތުރުމުގައި ޒިންމާދާރުކަން އިތުރުކުރުމަށާއި، ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތައް ހިފެހެއްޓުމުގައި ސާބިތުވެ ތިބުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ނޫސްވެރިންނަށް ގޮވާލައްވައިފިއެވެ.

ނައިބު ރައީސް މިފަދައިން އިލްތިމާސްކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް (X) އެކައުންޓް މެދުވެރިކޮށް ހިއްސާކުރެއްވި މެސެޖެއްގައެވެ.

އެ މެސެޖުގައި ނައިބު ރައީސް ވަނީ، ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑުތައް ނެގެހެއްޓުމަކީ މަޢުލޫމާތުގެ ފެންވަރާއި ޞައްޙަކަން ކަށަވަރުކޮށްދޭނެ ކަމެއްކަން ފާހަގަކުރައްވާފައެވެ.

އަދި ދެފުށް ފެންނަ، ޖަވާބުދާރީވަނިވި އުޞޫލުތައް ކުރިއަރުވައި، ޑިމޮކްރަސީގެ އަސާސްތައް ދެމެހެއްޓުމުގައި ނޫސްވެރިންގެ ދައުރު މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑުތަކާ ޚިލާފުވުމަކީ ދޮގު މަޢުލޫމާތު ފެތުރުމަށް މަގުފަހިވެ، އޭގެ ސަބަބުން މުޖުތަމައުގައި ނުތަނަވަސްކަން އުފެދި، ޞައްޙަ މަޢުލޫމާތު ހޯދުމަށް ނޫސްވެރިންނަށް ބަރޯސާވާ ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް