ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.
މެޓް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެ ކަމަށް ބެލެވެއެވެ.
މިހާރު ކުރަމުންދާ މި ވިއްސާރައަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭ ދުވަސްވަރާ ދިމާކޮށް ކުރާ "ދެމޫސުން ބެދޭ" ވިއްސާރައެވެ.
ކުރިއަށް އޮތް ވަގުތުތަކުގައި މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
އަދި ކަނޑުތައް އާންމު ގޮތެއްގައި އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ވިލާގަނޑުގައި ކަނޑުގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މި ވިއްސާރަ ކުރިއަށް އޮތް ތިން ދުވަހު ދެމިގެންދާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް އަންނަ ބަދަލުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.



