އީޝާގެ ވަކީލަކަށް ކުރީގެ ޕީޖީ ޝަމީމް ހަމަޖައްސައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތުހުމަތުތަކެއް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯ ޑޮކިއުމަންޓްރީއަކާ ގުޅިގެން، ފުލުހުން ތަޙުގީގު ކުރަމުންދާ މައްސަލައިގައި ހިމެނޭ އީޝާ އަޝްރަފްގެ ގާނޫނީ ވަކީލަކަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް ހަމަޖައްސަވައިފިއެވެ.

ސަރުކާރުގެ ސިޔާސީ އެކި މަގާމުތަކާއި، ރައީސް އޮފީހުގެ އިތުރުން ބައެއް ވުޒާރާތަކުގައި ވެސް ކުރިން މަސައްކަތް ކުރައްވާފައިވާ އީޝާގެ ޕާސްޕޯޓު، ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ތިން މަސް ދުވަހުގެ މުއްދަތަށް ހިފަހައްޓާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ޖިނާއީ ތަޙުގީގެއްގެ ގޮތުގައި ކުރިއަށްގެންދާ މި މައްސަލައަކީ ސިޔާސީ ދާއިރާ އާއި މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓިފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި އީޝާގެ ދިފާޢީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާނެކަން ކަށަވަރުކޮށްދެއްވަމުން، ޝަމީމް ވަނީ ބައެއް މީޑިއާތަކަށް އެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ޝަމީމަކީ ޖިނާއީ މައްސަލަތަކުގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ، އަދި ދައުލަތުގެ އެންމެ އިސް ގާނޫނީ ވަކީލުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ރައީސް މުޢިއްޒަށް އަމާޒުކޮށް އާންމުކުރި ޑޮކިއުމަންޓްރީގެ މައްސަލަ ފުލުހުން އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުގީގު ކުރަމުންނެވެ.

ނަމަވެސް، މި މައްސަލައިގައި އީޝާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތަފުސީލެއް ފުލުހުން މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން، މި ތަޙުގީގާ ގުޅިގެން ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކޮށްފައެވެ.

އަދި އެ ނޫހުގެ އެޑިޓަރުންގެ އިތުރުން އީޝާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް