ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤަކަށްވީ ނަމަވެސް، އެ ޙައްޤުގެ ބޭނުން ހިފަންވާނީ އިސްލާމްދީނުގެ އަޞްލުތަކާއި ޤާނޫނީ އިމުގެ ތެރެއިން ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ މަންސަ "އެކްސް" މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން އޮތްކަމަށް ޤަބޫލުކުރައްވާ ކަމަށާއި، އެ މިނިވަންކަން ދަމަހައްޓައި އިތުރަށް ހަރުދަނާކުރަންޖެހޭ ކަމަށެވެ. އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ މަތީ ދަރަޖައަށް އޮތް ޤައުމުތަކުގެ ސަފުގައި ރާއްޖެ ހިމެނުމަކީ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ޒިންމާދާރުކަމާއެކު ބޭނުންކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ޑރ. ޝަހީމް ވިދާޅުވީ، ނޫސްވެރިކަމަކީ މުޖުތަމަޢުގައި ހުންނަ ނޭދެވޭ ކަންކަމާއި، ކޮރަޕްޝަނާއި، ބޭއިންސާފާ ދެކޮޅަށް މަސައްކަތްކުރުމުގައި އަދާކުރާ ޤައުމީ އަގުހުރި ޚިދުމަތެއް ކަމަށެވެ.
"މީސްމީޑިއާ އާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ނިވާފަތްގަނޑުގައި ތިބެ، މީހުންގެ އަބުރާއި ޢިއްޒަތަށް އަރައިގަތުމާއި، އިސްލާމްދީނާއި ޤާނޫނާ ޚިލާފަށް މީހުންނަށް ބުލީކޮށް ފުރައްސާރަކުރުމަކީ މުޖުތަމަޢު ފަސާދަވެގެންދާނެ ކަމެއް،" ވަޒީރު ވިދާޅުވިއެވެ.



