2026 ވަނަ އަހަރުގެ "ޑިޕްލޮމެޓް އޮފް ދަ އިޔަރ" އެވޯޑު، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ކާމިޔާބު ކުރައްވައިފިއެވެ.
އިނގިރޭސިވިލާތުގެ "ޑިޕްލޮމެޓް މެގަޒިން" އިން ކޮންމެ އަހަރަކުވެސް ދެމުންގެންދާ މި އެވޯޑުތަކުގެ ތެރެއިން، އިރުތިޝާމަށް ލިބިވަޑައިގެންފައިވަނީ "ޑިޕްލޮމެޓް އޮފް ދަ އިޔަރ ފޯ އޭޝިއާ އެންޑް އޯޝެނިއާ" އެވޯޑެވެ.
ޑިޕްލޮމެޓް މެގަޒިންގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކޮށްފައިވާ ގޮތުގައި، އިރުތިޝާމް އާދަމަށް މި އެވޯޑު އެރުވީ، ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ ހައިސިއްޔަތުން އެކަމަނާ ކުރެއްވި ފާހަގަކޮށްލެވޭ މުހިންމު ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
އިރުތިޝާމް އާދަމް އިނގިރޭސިވިލާތުގެ ސަފީރުކަމުގެ މަޤާމަށް އައްޔަންކުރެއްވީ 2024 ވަނަ އަހަރުގެ މެއި މަހުގައެވެ. އަދި ދާދިފަހުން، މި އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ރައީސް ކެބިނެޓަށް ގެންނެވި ބަދަލުތަކާއެކު، އެކަމަނާ މިހާރު ވަނީ ފޮރިން މިނިސްޓަރުކަމުގެ މަޤާމަށް އައްޔަންކުރައްވާފައެވެ.
އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުގެ ގޮތުގައި މަސައްކަތް ކުރެއްވި މުއްދަތުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ބައިލެޓްރަލް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް އެކަމަނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ވަކިން ހާއްސަކޮށް، ވިޔަފާރިއާއި އިގްތިސާދީ ދާއިރާއާއި، ފަތުރުވެރިކަމުގެ އިތުރުން، މޫސުމީ ބަދަލުތަކާ ގުޅޭ ކަންކަމުގައާއި ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ދެމެހެއްޓެނިވި ގޮތެއްގައި ހޯއްދެވުމުގައި އެކަމަނާވަނީ އިސްދައުރެއް އަދާކުރައްވާފައެވެ.




