ބައިނަލްއަގުވާމީ މާލީ މުއާމަލާތްތަކަށް މަގުފަހިކޮށްދޭ ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފުކުރުމަށް ކުރަންޖެހޭ ތައްޔާރީތައް ނިމުމަކާ ގާތްވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އުރީދޫ މެދުވެރިކޮށް ޕޭޕަލްގެ އިންޓެގްރޭޝަން މަސައްކަތްތަކާއި ޓެސްޓުކުރުމުގެ މަރުހަލާތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މި ޚިދުމަތް ރަސްމީކޮށް އިފުތިތާހުކޮށް، ދިވެހި ރައްޔިތުންނަށް އޭގެ ފައިދާ ލިބެން ފެށުމަށް ދެން މާ ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް، މި ޚިދުމަތް ރަސްމީކޮށް ފެށޭނެ ސީދާ ތާރީޚެއް މިނިސްޓަރު އަދި ހާމައެއް ނުކުރައްވައެވެ.
ޕޭޕަލް ފަދަ ޒަމާނީ ފައިސާ ދެއްކުމުގެ ނިޒާމުތައް ރާއްޖެއަށް ތައާރަފުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވައުދުފުޅެކެވެ. މި މަސައްކަތުގެ ދަށުން، ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެހިފައިވާކަން މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.
މި ޚިދުމަތް ރާއްޖެއަށް ތައާރަފުކުރަނީ އުރީދޫއާއެކު ވެވޭ ބައިނަލްއަގުވާމީ ގުޅުމެއްގެ ތެރެއިންނެވެ. މި އަހަރުގެ ތެރޭގައި މި ޚިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ފާހަގަކޮށްފައިވާ ގޮތުގައި، ޕޭޕަލް ފަދަ ބައިނަލްއަގުވާމީ މާލީ ވަސީލަތްތައް ގައުމަކަށް ތައާރަފުކުރުމަކީ ފަންނީ އަދި އިދާރީ ގޮތުން ގިނަ މަސައްކަތްތަކެއް ބޭނުންވާ ކަމެކެވެ. އަދި ރާއްޖެ ފަދަ ކުދި ގައުމުތަކަށް މިފަދަ ޒަމާނީ މާލީ މުއާމަލާތްތައް ފެށުމުގައި ތާރީޚީ ގޮތުން ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.




