ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންގެ އަރިސް ބޭފުޅެއް ކަމަށްވާ، އަދި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ބިލިއަނަރު އެލެކްސީ މޯރޑަޝޯވްއާ ގުޅުން އޮންނަ ސުޕަރޔޮޓެއް، އޭޕްރީލް 25 އިން 27 އަށް އައި ހަފުތާ ބަންދުގައި ބަންދުކޮށްފައިވާ ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކޮށްފިއެވެ.
މިއީ މާލޭ ބޭރުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން އޮތް ޔޮޓެކެވެ. އެމެރިކާއާއި އީރާނާ ދެމެދު ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، މިއީ ނުފޫޒުގަދަ މަހުޖަނުންނަށް ހާއްސަ އިމްތިޔާޒުތައް ލިބިގެންވާކަން ހާމަވެގެންދިޔަ ކަމެކެވެ.
މެރިންޓްރެފިކްގެ ތަފާސްހިސާބުތަކާ ހަވާލާދީ އެޗް.އެފް.އައި ރިސާޗުން ރިޕޯޓްކޮށްފައިވާ ގޮތުގައި، 500 މިލިއަން ޑޮލަރަށްވުރެ އަގުބޮޑު، 142 މީޓަރު (465 ފޫޓު) ގެ "ނޯޑް" ނަމަކަށް ކިޔާ މި ޔޮޓް ހުކުރު ދުވަހުގެ ރޭ ގަލްފްގެ ބަނދަރަކުން ފުރައި، ހޮނިހިރު ދުވަހު އީރާނުން ކަނޑައަޅާފައިވާ "ރައްކާތެރި މަގަކުން" ކަނޑުއޮޅި ހުރަސްކޮށް، އާދީއްތަ ދުވަހު އޮމާންގެ މަސްކަޓްގައި ބަނދަރުކޮށްފައެވެ. މި ޔޮޓަކީ ސްވިމިން ޕޫލަކާއި، ހެލިޕޭޑެއްގެ އިތުރުން ސަބްމެރިންއެއް ފަދަ ލަގްޒަރީ ވަސީލަތްތައް ހިމެނޭ އުޅަނދެކެވެ.
2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އެރި ފަހުން އެމެރިކާ، އިނގިރޭސިވިލާތް އަދި އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ، ރަޝިޔާގެ ދަގަނޑު އުފައްދާ ކުންފުނި "ސެވަަރސްޓާލް" ގެ ޗެއާމަން މޯރޑަޝޯވް އެ ޔޮޓުގެ މިލްކުވެރިކަމަށް އިންކާރު ކުރެއެވެ. ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ޔޮޓް ރަޖިސްޓްރީކޮށްފައިވަނީ އޭނާގެ އަނބިކަނބަލުންނާ ގުޅުން އޮންނަ ކުންފުންޏެއްގެ ނަމުގައެވެ.
މޯރްދަޝޯވް އަކީ އެ އަގުބޮޑު ކަނޑު ޔޮޓުގެ ރަސްމީ މިލްކުވެރިޔާގެ ގޮތުގައި ލިސްޓުކުރެވިފައެއް ނުވެއެވެ. ނަމަވެސް، 'ނޯޑް' ގެ ރެކޯޑުތަކުން ދައްކާގޮތުގައި 2022 ވަނަ އަހަރު އެ އުޅަނދު ރަޖިސްޓްރީކޮށްފައިވަނީ އޭނާގެ އަނބިކަނބަލުންގެ މިލްކުވެރިކަމުގެ ދަށުގައިވާ ކުންފުންޏަކަށެވެ.
މެރިން ޓްރެފިކް ޕްލެޓްފޯމްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހޯރްމޫޒް ކަނޑުއޮޅި ހުރަސްކުރުމަށްފަހު، ސުޕަޔާޓް 'ނޯޑް' އާދީއްތަ ދުވަހުގެ ހެނދުނު އޮމާންގެ ވެރިރަށް މަސްކަޓްގައި ހުންނަ އަލް މޫޖް މެރީނާއަށް ބަނދަރުކޮށްފިއެވެ. 33 ކިލޯމީޓަރު ފުޅާ ހަނި ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ކަނޑު އުޅަނދުފަހަރުގެ އަދަދު މިހާރު ހުރީ ހަނގުރާމައިގެ ކުރީގެ މިންވަރާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވެފައެވެ.
ޕޫޓިން ސެއިންޓް ޕީޓަސްބާގްގައި އިރާންގެ ފޮރިން މިނިސްޓަރު އަރާގްޗީއާ ބައްދަލުކުރެއްވުން
ވައިނެޓް ނިއުސްއިން ރިޕޯޓްކުރާ ގޮތުގައި، މި ދަތުރު ދިމާވަނީ އީރާނާއި ރަޝިޔާގެ ޑިޕްލޮމެސީއާ އެވެ. އެގޮތުން، ހޯމަ ދުވަހު ސެއިންޓް ޕީޓަސްބާގްގައި ރައީސް ޕޫޓިން ވަނީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއާ ބައްދަލުކުރައްވައި، އެމެރިކާ އާއި އިސްރާއީލުގެ ފިއްތުންތަކާ ދެކޮޅަށް އީރާނުން ކުރަމުންދާ "ހިތްވަރުގަދަ" މަސައްކަތްތަކަށް ތައުރީފު ކުރައްވާފައެވެ.
ސުލްހައިގެ ވާހަކަތައް ހުއްޓިފައިވުމާއި، ރައީސް ޓްރަމްޕް އީރާނުގެ ބަނދަރުތައް ބަންދުކޮށްފައިވާ ދަނޑިވަޅެއްގައި، އަރާގްޗީ ވަނީ އެކްސް މެދުވެރިކޮށް ރަޝިޔާ އާއި އީރާނުގެ "ސްޓްރެޓީޖިކް ޕާޓްނަޝިޕް" އަށް މަރުހަބާ ވިދާޅުވެފައެވެ.
ކަނޑުދަތުރުފަތުރުގެ ދަތިތަކާ ގުޅިގެން ބްރެންޓް ކްރޫޑް ތެލުގެ އަގު އަންގާރަ ދުވަހު ގާތްގަނޑަކަށް %2 މައްޗަށް ގޮސް، ފީފާއެއްގެ އަގު 109 ޑޮލަރަށް ވަނީ އަރާފައެވެ. މިއީ ތެލުގެ ވިޔަފާރީގެ މުހިއްމު ސަރަހައްދުގެ ސަބަބުން ދުނިޔޭގެ އިންފްލޭޝަން މައްޗަށް ހިނގައިދާނެ ކަމުގެ ބިރުވެރިކަން އުފެދިފައިވާ ކަމެކެވެ.
މި ސަރަހައްދުން ދަތުރުކުރި މަދު އަމިއްލަ ޔާޓުތަކުގެ ތެރޭގައި 'ނޯޑް' ހިމެނުމުން، މިއީ ހާއްސަ ހުއްދައެއްގެ ދަށުން ކުރި ދަތުރެއްތޯ ސުވާލު އުފެދެއެވެ. ރަސްމީކޮށް އެއްވެސް ތަފްސީލެއް ހާމަވެފައި ނުވާއިރު، މިއީ ތެލާއި ހަނގުރާމައިގެ މި ނާޒުކު ދަނޑިވަޅުގައި ސިއްރު މުއާމަލާތްތަކެއްގެ ދަށުން ހިނގި ކަމެއް ކަމަށް ބެލެވެއެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލާ ދެމެދު ހިނގި ކުރިމަތިލުންތަކަށްފަހު، ދުނިޔޭގެ ތެލުގެ %20 ދަތުރުކުރާ މި ކަނޑުއޮޅި ގާތްގަނޑަކަށް އެއްކޮށް ބަންދުކުރާނެކަން އީރާނުން ވަނީ އިއުލާނުކޮށްފައެވެ. މިހާތަނަށް 37 އަށްވުރެ ގިނަ އުޅަނދު މިހާރު ވަނީ އެމެރިކާގެ ސެންޓްރަލް ކޮމާންޑް މެދުވެރިކޮށް އެހެން މަގުތަކަކަށް ބަދަލުކޮށްފައެވެ.



