މަސައްކަތް ކުރިއަށް ގެންދިއުމަކީ މިވަގުތު ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަކަށް ރައްދު ދެއްވަމުންނެވެ. މެންބަރު މީކާއިލް ސުވާލު ކުރެއްވީ ގުޅީފަޅާއި، ގިރާވަރުފަޅު އަދި ހުޅުމާލެ ތިންވަނަ ފިޔަވަހިން ބިން ލިބުނު މީހުންނަށް އެތަންތަނުގައި ދިރިއުޅެން ފެށޭނީ ކޮން އިރަކުތޯ އާއި، އެ މަޝްރޫއުތަކަށް އެކި ގޮންޖެހުންތައް ހުރިއިރު ރަސްމާލެ މަޝްރޫއަށް އިސްކަންދޭ ސަބަބާ ގުޅޭގޮތުންނެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ ސަރުކާރުން ކުރިއަށް އޮތް 20 އަހަރުގެ މުސްތަގުބަލަށް ރާވާފައިވާ ކަމެއް ކަމަށާއި، އެ މަސައްކަތް ކުރިއަށް ދިއުމަކީ އެހެން މަޝްރޫއުތަކަށް އޮތް ހުރަހެއް ނޫން ކަމަށެވެ. މުއްތަލިބު ފާހަގަކުރެއްވި ގޮތުގައި ކުރީގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ އިތުރުން ގުޅީފަޅާއި ގިރާވަރުފަޅުގެ ހުރިހާ ބިމެއް ވަނީ ދޫކޮށްލާފައެވެ. އަދި ގިރާވަރުފަޅުގެ 169 ހެކްޓަރުގެ ތެރެއިން 5,000 ގޯތި ނެގޭނެ ގޮތެއް ނުފެންނަ ކަމަށާއި، މާލެ ސަރަހައްދުގައި ފްލެޓް އެޅުމަށް މިހާރު އިތުރު ބިމެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މުޅި މާލެ ސަރަހައްދުގައި ހުރި ހުރިހާ ބިމެއް ބޭނުންކޮށްގެން ވެސް އެންމެ ގިނަވެގެން ބިނާކުރެވޭނީ 12,000 ފްލެޓް ކަމަށެވެ. މިހާރު ހިއްކަމުންދާ ބިންތަކަކީ ގޯތީގެ ގޮތުގައި ބަހާފައިވާ ތަންތަނަށް ވާތީ، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާކަމުގެ މައްސަލަ ހައްލުކުރުމަށް އިތުރު ގޮތްތަކެއް ހޯދަން މަޖުބޫރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރަސްމާލެ މަޝްރޫއަކީ މުސްތަގުބަލުގެ ބޯހިޔާކަމަށްޓަކައި މިހާރުން މިހާރަށް ފަށަންޖެހޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
މީގެ އިތުރުން ގުޅީފަޅާއި، ގިރާވަރުފަޅު އަދި ހުޅުމާލެ ތިންވަނަ ފިޔަވައްސަށް ބޭނުންވާ އަސާސީ ހިދުމަތްތައް ކަމަށްވާ ފެނާއި، ނަރުދަމާ އަދި ކަރަންޓު ފޯރުކޮށްދިނުމަށް ބޮޑު ހޭދައެއް ބޭނުންވާކަން ފާހަގަކުރައްވަމުން، އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކެއް ހުރި ނަމަވެސް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް އެ މަސައްކަތްތައް ފެށުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



