އާޒިމަށް ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގައިގައި ޖެހި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

އެމްޑީޕީން މިހާރު ސިލްސިލާކޮށް ރޭގަނޑު ބާއްވަމުންދާ މަގުމަތީ ހަރަކާތްތަކުގެ ތެރެއިން ހުކުރު ދުވަހުގެ ރޭ ބޭއްވި ހަރަކާތުގައި އާޒިމް ބައިވެރިވެވަޑައިގަތެވެ.

އާންމު ވެފައިވާ ވީޑިއޯ އިން ފެންނަނީ ހަރަކާތުގެ ބައިވެރިންނާ އެކު އެންމެ ކުރީ ސަފުގައި ހުންނަވައި އާޒިމް ހިންގަވާފައި ވަޑައިގަންނަވަނިކޮށް އެ މަގުން ހިނގާފައި އެ މީހުންނާ ދިމާއަށް ދިޔަ މީހަކު އާޒިމްގެ މޭމަތީ އަތްއަޅާ ކޮއްޕާލާތަނެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ކ. މާލެ، ގ. އީރީ، އަބްދުﷲ މުއާޒް (35އ) އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް ދީފަ އެވެ. މި މުއްދަތު ހަމަވާނީ މޭ 12 ވަނަ ދުވަހަށެވެ.

ކޯޓު އަމުރުގައި ބުނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ.

އެ ހަމަލާ އަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އާޒިމް ތުހުމަތު ކުރައްވާފައިވަނިކޮށް ސަރުކާރުން އިއްޔެ ވަނީ އެކަން ދޮގުކޮށް ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި، އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދިޔަ މަގުމަތީ ހަރަކާތުގެ ތެރެއިން މާލޭ މޭޔަރު އާދަމް އާޒިމަށް ދިން ހަމަލާއާ ސަރުކާރާ ގުޅުމެއް ނެތް ކަމަށާއި އެކަން ފުލުހުން އިސްނަގައިގެން ބަލަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް