ގ. ހިޔާރޯދީގައި ގަސްދުގައި އަލިފާން ރޯކުރި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ތަހުގީގު ފުރިހަމަކޮށް، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ. މާބައިދޫ، ސަބުނަމްހައުސް، އުމުރުން 29 އަހަރުގެ ހުސައިން ޝަހްބާންއެވެ. އޭނާގެ މައްޗަށް ކުރަނީ މުދަލަށް ގެއްލުން ދިނުމާއި ހުޅުޖެހުމުގެ ތުހުމަތެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މަހުގެ 21 ވަނަ ދުވަހު މައްސަލަ ޕީޖީއަށް ފޮނުވާފައިވާއިރު، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފަޅަށް ހުރި އެ ގޭގައި އަލިފާން ރޯވުމުގެ ކުޑައިރުކޮޅެއް ކުރިން، މީހަކު އެ ތަނަށް ވަންނަ މަންޒަރު ސީސީޓީވީ ކެމެރާތަކަށް ވަނީ އަރާފައެވެ.
ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި، ހެނދުނު 10:33 ހާއިރު ސައިކަލެއްގައި އައި ފިރިހެނަކު އެ ސަރަހައްދުގައި މަޑުކުރުމަށްފަހު ހިޔާރޯދި ގެއަށް ވަދެއެވެ. އޭނާ އެ ގޭގެ ތެރޭގައި ގާތްގަނޑަކަށް ހަތް މިނެޓު ހޭދަކުރުމަށްފަހު 10:39 ގައި ނުކުމެގެން ދިޔަ ފަހުން، އެ ތަނުން ދުން އަރަން ފެށި ކަމަށް ފުލުހުން ބުނެއެވެ. އެ ވަގުތު އެ ސަރަހައްދުގައި މަސައްކަތް ކުރަން އުޅުނު ބިދޭސީންނަށް އަލިފާން ފެނިގެން ހަޅޭލެވުމުން، ގޭތެރޭގައި ތިބި އިތުރު ބިދޭސީންތަކެއް ވެސް ބޭރަށް ނުކުމެފައިވެއެވެ.
މީހުން ދިރިނޫޅޭ އެ ގޭގައި ކަރަންޓުގެ ހިދުމަތް ކަނޑާލާފައި ހުރިއިރު، އެ ތަނުގައި ހުރީ ހަމައެކަނި ލަކުޑި އާއި ފަރުނީޗަރެވެ. އެހެންކަމުން، މިއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް އެ ގޭގެ ވެރިން ވެސް ތުހުމަތު ކުރެއެވެ.




