ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާ ގުޅިގެން، މަޤާމުގެ ހުވާކުރެއްވި 14 ވަޒީރަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފިއެވެ.

ސަރުކާރުގެ ކެބިނެޓަށް މި ބަދަލުތައް ގެންނަވާފައިވަނީ މި ހިނގާ މަހުގެ 14 އަދި 15 ވަނަ ދުވަހުއެވެ. މި ބަދަލާއެކު ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 20 އިން 15 އަށް މަދުކުރެވި، 10 ވަޒީރަކު ވަނީ މަޤާމުން ވަކިވެވަޑައިގެންފައެވެ. މީގެ އިތުރުން، ރައީސް މުޢިއްޒު ވަނީ އައު 5 ވަޒީރަކު އައްޔަންކުރައްވައި، ކުރިންވެސް ކެބިނެޓުގައި ތިއްބެވި 9 ބޭފުޅަކު ވުޒާރާތަކަށް އައި ބަދަލުތަކާއެކު އަލުން ހުވާކުރައްވާފައެވެ.

ޤާނޫނީ ގޮތުން ވަޒީރުންނަށް ފުރިހަމަ ބާރުތައް ލިބިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމުން ކަމަށްވާތީ، ރައީސް ވަނީ މި މަހުގެ 20 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް މި މައްސަލަ ހުށަހަޅުއްވާފައެވެ.

ރުހުން ހޯދުމަށް ހުށަހެޅިފައިވާ ވަޒީރުންގެ ތެރޭގައި ހިމެނެނީ:

  1. ދިފާޢީ ވަޒީރު ޙަސަން ރަޝީދު
  2. މާލީ ވަޒީރު މޫސާ ޒަމީރު
  3. ދާޚިލީ ވަޒީރު ޢަލީ އިޙްސާން
  4. ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް
  5. ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
  6. ޞިއްޙީ ވަޒީރު ޤީލާ ޢަލީ، އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު
  7. މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
  8. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
  9. ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން
  10. ޒުވާނުންނާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
  11. ސަގާފަތާ ބެހޭ ވަޒީރު ހީނާ ވަލީދު
  12. ބިނާރާ ބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބް
  13. ތިމާވެއްޓާ ބެހޭ ވަޒީރު ޢަލީ ޝަރީފު

މި މައްސަލަ ދިރާސާކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމީ، ވަކިވަކި ދެ މައްސަލައެއްގެ ގޮތުގައި ހުށަހެޅިފައިވީ ނަމަވެސް، ހުރިހާ ވަޒީރުންގެ ކަންކަން އެކުއެކީގައި ކުރިއަށް ގެންދިއުމަށެވެ. އަދި ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ މި 14 ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް