ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިންތިހާބުވި ސިޔާސީ ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލްކުރުމަށް ހުށަހެޅި މައްސަލައިގެ ފައިނަލް ހުކުމް އަންނަ ބުދަ ދުވަހު އިއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
މި އިސްލާހު އުވާލުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މަންދޫބު އަލީ ހުސައިނެވެ. މި މައްސަލައިގެ އެންމެހާ އަޑުއެހުންތައް މި ހިނގާ މަހުގެ ތެރޭގައި އެ ކޯޓުން ވަނީ ނިންމާލާފައެވެ. އެހެންކަމުން، އަންނަ ބުދަ ދުވަހުގެ ހެނދުނު މިކަމުގައި ކޯޓުން ގޮތެއް ނިންމާނެއެވެ.
މައްސަލަ ހުށަހެޅި ފަރާތުން، ޝަރީއަތް ނިމެންދެން މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ފަދަ ވަގުތީ އަމުރަކަށް އެދުނު ނަމަވެސް، އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ކުރިން ވަނީ ކަނޑައަޅާފައެވެ.
މި މައްސަލަ ބައްލަވަމުން ގެންދަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހިމެނިވަޑައިގަންނަވާހެން، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ފުލް ބެންޗަކުންނެވެ.




