ކަރަންޓު ބިލުތައް ހެދުމުގައި އެއްވެސް އުސޫލަކާ ހިލާފުވެފައި ނުވާނެ ކަމަށާއި، ބިލުތަކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
މިދިޔަ މަހުގެ ކަރަންޓު ބިލުތައް ބޮޑުވުމާ ގުޅިގެން އާންމުންގެ ޝަކުވާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މާރިޗު މަހުގެ ރީޑިން ނެގުމާއި ބިލު ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އަބަދުވެސް އަމަލުކުރާ އުސޫލުގެ ތެރެއިން ކަމަށެވެ. އަދި އެއީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަނޑައެޅިފައިވާ ނިޒާމެއްކަން ފާހަގަކޮށް، އެއްވެސް ކަސްޓަމަރެއްގެ ބިލަކަށް އުނި އިތުރެއް ގެނެސްފައި ނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.
މީގެ އިތުރުން، ބިލަކާ މެދު އެއްވެސް ޝައްކެއް އޮވެގެން ރީޑިން އަލުން ޗެކްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮތް ކަމަށާއި، އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ފެނަކައިން ބުންޏެވެ.
ކޮންމެ އަހަރެއްގެވެސް މާރިޗު، އޭޕްރީލް އަދި މެއި މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަވެ، ކަރަންޓު ބޭނުންކުރާ މިންވަރު އާދަޔާ ހިލާފަށް އިތުރުވާ ދުވަސްވަރަކަށް ވާތީ، ކަރަންޓު އިގްތިސާދު ކުރުމަށް ސަމާލުކަން ދިނުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.



