ޖަޕާނުން އެންޑީއެމްއޭއަށް 4 މިލިއަން ޑޮލަރުގެ ތަކެތި ހަދިޔާކޮށްފި

ޖަޕާނުން ރާއްޖޭގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އަށް 4.3 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ތަކެތި މިއަދު ހަދިޔާކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ޖަޕާން ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިޝިގާމީ ރޫމީކޯ އެވެ. އެން.ޑީ.އެމް.އޭގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަނެވެ.

މި މަޝްރޫޢަކީ 2024 މާރިޗު 24 ވަނަ ދުވަހު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މި ޕްރޮޖެކްޓްގެ ފުރަތަމަ ފޭސްގެ ދަށުން މިއަދު ހަދިޔާކުރި ތަކެތީގެ ތެރޭގައި އަލިފާން ނިއްވާ 40 ޕަންޕާއި، 40 ފެންހިންދާ ޕަންޕް އަދި އެއާ ގުޅޭ އިތުރު އާލާތްތައް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެން.ޑީ.އެމް.އޭގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ވިދާޅުވީ، މިއަދު ލިބުނު އިކުއިޕްމަންޓްތަކުގެ ސަބަބުން ކާރިސާތަކުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ދިގުމުއްދަތަކަށް ހަރުދަނާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި ކާރިސާގެ ކަންކަން ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންގޮސް މުޖުތަމަޢުތައް ބާރުވެރިކުރުވުމަށް ކުރާ މަސައްކަތަށް މީގެ ސަބަބުން އިތުރު ކުރިއެރުމެއް ލިބޭނެކަން ފާހަގަކުރައްވައި، ޖަޕާން ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ޖަޕާނު ސަފީރު އިޝިގާމީ ރޫމީކޯ ދެއްކެވި ވާހަކާގައި، މި ތަކެތީގެ ސަބަބުން އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ރަށްތަކަށް ކާރިސާތަކަށް އިޖާބަދިނުމުގެ ވަސީލަތްތައް ލިބިގެންދާނެކަން ކަށަވަރުވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިއީ ރަށްތަކުގެ ވިލުންތެރިކަން އިތުރުކޮށް ފުރާނަ ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، ކާރިސާއެއް ކުރިމަތިވުމުގެ މާ ކުރިން ރޭވުންތެރިކަމާއެކު ތައްޔާރުވުމަކީ ޖަޕާނުން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށް ސަފީރު ވިދާޅުވިއެވެ.

ޖަޕާނަކީ ރާއްޖޭގެ ކާރިސާގެ ނުރައްކާ ކުޑަކުރުމުގެ ދާއިރާގައި ވަރަށް ގާތް އެކުވެރިއެކެވެ. އެގޮތުން 2015 އަދި 2017 ވަނަ އަހަރުވެސް އެން.ޑީ.އެމް.އޭ ބިނާކުރުމަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން، 2025 ވަނަ އަހަރު މާލޭގައި ބޭނުންކުރުމަށް ދެ އިމަޖެންސީ ސަޕޯޓް ވެހިކަލް ހޯދުމަށް 89,900 ޑޮލަރުގެ އެހީއެއް ދިނުމަށްވެސް ޖަޕާނުން ވަނީ ނިންމާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް