ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއުގެ ދަށުން ވިލިމާލޭގައި ތަރައްގީކުރާ 300 ހައުސިން ޔުނިޓުގެ ބިންގާ އެޅުން

ވިލިމާލޭގައި ތަރައްގީކުރަން ހަމަޖެހިފައިވާ ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރު އެޅުމަށް ކުރިން ނިންމި ސަރަހައްދުގައި ހުރި ގަސްތަކަށް ގެއްލުންވާތީ، އެ ޓަވަރު އެހެން ތަނަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. ބޭންކް އޮފް މޯލްޑިވްސްއިން ވިލިމާލޭގައި ތަރައްޤީކުރާ 300 ހައުސިން ޔުނިޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިދިޔަ މަހު ވަނީ ބާއްވާފައެވެ.

ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ސޯޝަލް މީޑިއާގައި ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދުގައި ހުސްޖާގަތައް މަދުވުމުގެ ސަބަބުން ގިނަ އާއިލާތަކެއް ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލަތެއްގައެވެ. އެހެންކަމުން އެފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ މުހިންމު ކަމެއް ނަމަވެސް، ހިއްކާފައިވާ ބިންތަކަކީ މިހާރުވެސް ގޯތި ދޫކޮށްފައިވާ ތަންތަނަށް ވުމުން ފްލެޓް އެޅުމަށް ބިން ހޯދުމަކީ ބޮޑު ގޮންޖެހުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ ވިލިމާލޭގެ މި މަޝްރޫޢު ކުރިއަށް ގެންދާއިރު ތިމާވެއްޓަށް ގެއްލުން ނުދީ، ހާއްސަކޮށް ބޮޑެތި ފުނަގަސްތައް ނުކަނޑައި މަސައްކަތް ކުރުމެވެ. އެއް ޓަވަރު ބަދަލުކުރަން ޖެހުނީ އެތަނުގައި ހުރި ގަސްތައް ނަގަންޖެހުމާއި ގޮފިތައް ކަނޑަން ޖެހޭތީ ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުންނެވެ.

އާރުސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި ހިމެނެނީ 17 ބުރީގެ ތިން ޓަވަރެވެ. މިއީ ވިލިމާލޭގެ އާބާދީއަށް ބޭނުންތެރި މަޝްރޫޢެއް ކަމަށް ސަރުކާރުން ދެކެއެވެ. ބީއެމްއެލްއިން ބުނާ ގޮތުގައި 2028 ވަނަ އަހަރުގެ މެދުތެރޭގައި މި މަސައްކަތް ނިމޭނެއެވެ. މިއީ އެމްއެމްއޭގެ އައިއެންއޭއެޗް ސިޔާސަތުގެ ދަށުން ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ކުރިއަށްގެންދާ ޖުމުލަ 3260 ޔުނިޓުގެ ބައެކެވެ.

މި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްދާނީ ވިލިމާލޭގެ އިތުރުން ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައެވެ. އެގޮތުން ވިލިމާލޭގައި 300 ޔުނިޓް އަދި ހުޅުމާލޭގައި 2700 ޔުނިޓް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް