އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި މަގުމަތީ ހަރަކާތުގައި މާލޭގެ މޭޔަރު އާދަމް އާޒިމަށް ދިން ހަމަލާއާ ސަރުކާރާ ގުޅުމެއް އޮތް ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށް، އެ ހަމަލާ ސަރުކާރުން މިއަދު ކުށްވެރިކޮށްފި އެވެ.
އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން އާޒިމަށް ހަމަލާދީފައިވަނީ މަގުމަތިން ހިނގާފައިދިޔަ މީހެކެވެ. އޭނާ އައިސް އާޒިމްގެ މޭމަތީ އަޅާ ކޮށްޕާލުމުން އެވަގުތު އާޒިމާއެކު ތިއްބެވި އެހެން މީހުން އޭނާގެ ގައިގާ ތަޅައިގަނެވެ. އިތުރު ހަމަލާއެއް އެ ދެމެދުގައި ހިނގާފައެއް ނުވެ އެވެ. އެއީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އާޒިމް ވަނީ ތުހުމަތުކުރައްވާފަ އެވެ.
އެ ތުހުމަތުތައް ދޮގުކޮށް ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އާޒިމަށް ހަމަލާދޭ ވީޑިއޯއެއް ރައީސް މުއިއްޒަށް ފެނިވަޑައިގެންފައިވާ ކަމަށާއި އެ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މި ބަޔާނުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، އެފަދަ ތުހުމަތެއް ކުރައްވާ ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށާއި އެފަދަ އެއްވެސް ކަމަކަށް ސަރުކާރުން ހިތްވަރު ނުދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މީގެ އިތުރުން، އެފަދަ ކަމެއް ހިނގިއިރު އެކަން ފުލުހުންްނަށް އެމްޑީޕީގެ ފަރާތުން ވެސް އަދި އާޒިމާއި މާލޭ ކައުންސިލުގެ ފަރާތުން ރިޕޯޓުކޮށްފައިނުވާތީ، އެކަމުގެ ކަންބޮޑުވުން މުހައްމަދު ހުސައިން ޝަރީފް ރުފާޅުކުރެއްވި އެެވެ. މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ މަސްއޫލިއްޔަތު މަތިކޮށްފައިވާ މުއައްސަސާއަކީ ފުލުހުން ކަމަށްވާއިރު، މިފަދަ ހާދިސާތައް އެ ފަރާތަށް ރިޕޯޓުނުކުރުމަކީ ފުލުހުންގެ ޒިންމާ އަދާކުރުމަށް އެޅޭ ހުރަހަކަށް ވުމުގެ އިތުރުން، އެއީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.
މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، މީސް މީޑިއާއިން މި ހަމަލާގެ ވީޑިއޯ ފުލުހުންނަށް ފެނުނު ހިސާބުން އެބޭފުޅުން ދަނީ އަމިއްލަ އިސްނެންގެވުމުގެ މަތިން މި މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ.
އަދި، މާލެ ސިޓީގެ މޭޔަރަކީ ދައުލަތުގައި އެ މަނިކުފާނުގެ ހައިސިއްޔަތުގެ ތެރެއިން، އެދިވަޑައިގެންފިނަމަ ސެކިއުރިޓީ ލިބޭނެ ފަރާތެއްކަން ފާހަގަކުރެއްވި އެވެ. އަދި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ނުރައްކާ އޮތް މިންވަރު ބެލުމަށް ފުލުހުން އަބަދުވެސް ތްރެޓް އެސެސްމަންޓް ހައްދަވަމުންގެންދަވާކަމަށާއި މިފަދައިން ހަދާ އެސެސްމަންޓަކުން އެއްވެސް ފަރާތަކަށް ނުރައްކަލެއް އޮތްކަމަށް ފާހަގަކުރެވިއްޖެނަމަ ފުލުހުން އިސްވެ އެބޭފުޅުންނަށް ސެކިއުރިޓީގެ ކަންކަން ހަމަޖައްސަވައިދެއްވާނެކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.
މި ބަޔާނުގައި ބުނީ، މާލޭ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުވެވަޑައިގެންފައިވާ ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށް ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ވަގުތު ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައިވިޔަސް، ހަމަލާދީ އެބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށެވެ. މިފަދަ ކަންކަން ހުއްޓުވައި، ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު އަރުއްވާ ކަމަށެވެ.




