ތެލަސީމިއާ ކުދިންގެ ގަޔަށް ކުނި ލޭ އެޅި ވާހަކަ ދޮގުކޮށްފި
މި މަހުގެ 19 ވަނަ ދުވަހު ލޭ ރައްކާކުރާ ފްރީޒަރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ތެލެސީމިއާ ކުދިންގެ ގަޔަށް ކުނިވެފައިވާ ލޭ އެޅިކަމަށް މީޑިއާތަކުގައި ފެތުރުނު ޚަބަރުތައް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވަނީ ދޮގުކޮށްފައެވެ.

އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަހުގެ 20 ވަނަ ދުވަހު ތެލެސީމިއާ ކުދިންނަށް ދީފައިވަނީ ސިއްޙީ ގޮތުން ބަލާއިރު ބޭނުންކުރަން އެކަށީގެންވާ ރައްކާތެރި ލޭ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.

ހާދިސާ ހިނގި ގޮތް ތަފްސީލުކޮށްދެމުން ބުނެފައިވަނީ، 19 ވަނަ ދުވަހުގެ ރޭ މޯލްޑިވްސް ބްލަޑް ސަރވިސް ބަންދުކުރި ފަހުން، ލޭ ރައްކާކޮށްފައި ހުރި ފްރީޒަރަކަށް މައްސަލައެއް ދިމާވި ކަމަށެވެ. އެ ވަގުތު ސިސްޓަމުން އެލާޓް ލިބުމާއެކު މުވައްޒަފުން އެ ތަނަށް ގޮސް، އެ ފްރީޒަރުގައި ހުރި 12 ލޭ ޕެކެޓެއް ވަގުތުން އެހެން ފްރީޒަރަކަށް ބަދަލުކުރި ކަމަށް ބަޔާނުގައިވެއެވެ.

ފްރީޒަރުގެ ފިނިހޫނުމިން ހުންނަންޖެހޭ މިންގަނޑަށްވުރެ މައްޗަށް ގޮސް 11 ޑިގްރީއަށް އެރި ނަމަވެސް، ސިއްޙީ މިންގަނޑުތައް ބުނާގޮތުން 10 ޑިގްރީއަށްވުރެ މަތިނުވާނަމަ 4 ގަޑިއިރު ވަންދެން ލޭ ރައްކާތެރިކަމާއެކު ބެހެއްޓޭނެއެވެ. އެހެންކަމުން، އެ ދުވަހު ބޭނުންކުރި ލެޔަކީ ތަޣައްޔަރުވެފައިވާ ލެޔެއް ނޫންކަމަށް ހޮސްޕިޓަލުން ކަށަވަރުކޮށްދެއެވެ.

މި މައްސަލަ ތަޙުޤީޤު ކުރަމުންދަނިކޮށް، ކުރިން ރައްކާކޮށްފައި ހުރި ލޭގެ ތެރެއިން ތިން ޕެކެޓެއް ތިން މީހެއްގެ ގަޔަށް ވަނީ އަޅާފައެވެ. މިކަން އެނގުނީ ލޭ އަޅާ ނިމުނު ފަހުން ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ހާދިސާގައި އެއްވެސް މުވައްޒަފެއްގެ އިހުމާލެއް އޮތްތޯ ބެލުމަށް ޚާއްޞަ ޓީމަކުން ދަނީ ތަޙުޤީޤު ކުރަމުންނެވެ. އެގޮތުން، މަޢުލޫމާތު ދިނުމުގައި އިހުމާލުވި ކަމަށް ތުހުމަތުކުރެވޭ މުވައްޒަފަކު މި މަހުގެ 23 އިން ފެށިގެން ވަނީ ވަޒީފާއަށް ނުކުތުން މަނާކޮށްފައެވެ. އަދި ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރު ނުވާނެހެން ނިޒާމު ހަރުދަނާ ކުރަމުންދާ ކަމަށްވެސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް