ޑްރަގް އެތެރެކުރާ އިންޑިއާ މީހުން އިތުރުވާތީ އެމްބަސީން އިންޒާރު ނެރެފި

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި އިންޑިއާ ރައްޔިތުން އިތުރުވަމުންދާތީ، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން ކަންބޮޑުވުން ފާޅުކޮށް، އެ ގައުމުގެ ދަތުރުވެރިންނަށް "ހައި-ޕްރިއޮރިޓީ އެޑްވައިޒަރީ" އެއް ނެރެފިއެވެ.

މި އެޑްވައިޒަރީ ނެރެފައިވަނީ ރާއްޖޭގެ މަސްތުވާތަކެތީގެ ގާނޫނަށް ގެނައި އިސްލާހާއެކު، ޑްރަގް ޓްރެފިކް ކުރުމުގެ ބޮޑެތި ކުށްތަކަށް މަރުގެ އަދަބު ކަނޑައަޅައި، މިދިޔަ މާޗް މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެއަށް އަމަލުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އެންސީބީގެ މުހިންމު އިލްތިމާސްތައް:

  • ގާނޫނަށް ބޯލެނބުން: ގައުމެއްގެ ގާނޫނު ނޭނގުމަކީ ކުށުން ބަރީއަވުމަށް ދެއްކޭނެ އުޒުރެއް ނޫންކަން ހަނދާންކޮށްދިނުން.

  • ސަމާލުވުން: އެއާޕޯޓްތަކާއި ބަނދަރުތަކުގައި ދަތުރުކުރާއިރު، ގޮތް ނޭނގޭ މީހުން ދޭ ފޮށިގަނޑު ނުވަތަ ތަކެއްޗާ ހަވާލުނުވުން.

  • ޒިންމާދާރުވުން: އަމިއްލަ ދަބަހާއި ފޮށިތަކަށް އަބަދުވެސް ސަމާލުވެ، އެހެން މީހަކަށް އެ އެއްޗިއްސަށް އެއްޗެއް ލުމުގެ ފުރުސަތު ނުދިނުން.

އިންޑިއާ މީހުން ހައްޔަރުކުރާ މިންވަރު އިތުރުވުން

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް އިންޑިއާގެ ގިނަ ބަޔަކު ވަނީ އަތުލައިގަނެފައެވެ. ވޭތުވެދިޔަ މަހު އެކަނިވެސް ވެލާނާ އެއާޕޯޓުންނާއި އައްޑޫއިން 10 ކިލޯއާ ގާތްކުރާ އަދަދަކަށް ހަޝިޝް އޮއިލް އަތުލައިގަނެ، 5 މީހަކު ހައްޔަރުކުރިއެވެ. އަދި މި މަހު ވެސް ވެލާނާ އެއާޕޯޓުން 4.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އިންޑިއާގެ 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މަރުގެ އަދަބު ކަނޑައެޅޭ މިންގަނޑުތައް

އައު ގާނޫނުގެ ދަށުން، ތިރީގައިވާ މިންވަރަށްވުރެ ގިނައިން މަސްތުވާތަކެތި އެތެރެކޮށްފިނަމަ މަރުގެ އަދަބު ކަނޑައެޅިދާނެއެވެ:

  • އެތެރެކުރި އެއްޗަކީ 350 ގްރާމަށްވުރެ އިތުރު ކެނެބިސް ކަމުގައިވުން.

  • އެތެރެކުރި އެއްޗަކީ 250 ގްރާމަށްވުރެ އިތުރު ޑައިމޯފިން ކަމުގައިވުން.

  • ޖަދުވަލު 1 ގައިވާ އެހެން ބާވަތެއް ނަމަ 100 ގްރާމަށްވުރެ އިތުރުވުން.

މިފަދަ މައްސަލަތަކުގައި މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން އެ ހުކުމް ދެމެހެއްޓުމުންނެވެ. އިއްތިފާގު ނުވެއްޖެނަމަ، އަދަބަކީ އުމުރަށް ޖަލަށްލުމާއެކު 100،000ރ. އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވެސް ވަނީ އެ ގައުމުގެ ދަތުރުވެރިން ރާއްޖޭގެ ގާނޫނުތަކަށް ފުރިހަމައަށް އިހުތިރާމް ކުރުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް