ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ މަޖުދުއްދީން ދަނާލުގައި ހިނގި މަރުގެ ހާދިސާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ތަހުގީގު ކުރަން ފަށައިފިއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ގދ. ތިނަދޫ އަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ނިޔާވީ މި ހިނގާ މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އެޗްއާރްސީއެމްއިން ހާމަކުރި ގޮތުގައި، ދަނާލުގައި ހިނގި މި މަރުގެ މައްސަލަ އެ ކޮމިޝަނުން ބަލަން ފެށީ އެ އިދާރާގެ އިސްނެގުމުގެ މަތިންނެވެ. މި ހާދިސާއާ ގުޅިގެން ސައްހަ ނޫން މައުލޫމާތާއި މީހާގެ އަބުރަށް އުނިކަން އަތުވެދާނެ ފަދަ ޒާތީ ކަންކަން ފެތުރުމުން ދުރުހެލިވުމަށް އެ ކޮމިޝަނުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ. އަދި ނިޔާވި ފަރާތުގެ ކަރާމާތަށް އުނިކަން ލިބޭނެ އެއްވެސް އަމަލެއް ނުހިންގުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.





