ދިވެހިރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް އިންޑިއާ ސަރުކާރުން ދެމުންދާ އެއްބާރުލުމުގެ ދަށުން، 319 މިލިއަން އެމެރިކާ ޑޮލަރު (30 ބިލިއަން އިންޑިއަން ރުޕީސްް) ރާއްޖެއަށް ދިނުމަށް އެޤައުމުން ވަނީ ނިންމާފައެވެ.
މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ހާމަކުރި ގޮތުގައި، މި ފައިސާ ދޫކުރަނީ ސާކް ޤައުމުތަކަށް ކަނޑައަޅާފައިވާ ކަރަންސީ ސްވޮޕް އިންތިޒާމުގެ ފުރަތަމަ މަރުޙަލާގެ ދަށުންނެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރިޒާވް ބޭންކް އޮފް އިންޑިއާ އާއި ދިވެހި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ނަތީޖާއެކެވެ.
މީގެ ކުރިން އޮކްޓޫބަރު 2024 ގައި މި އޮނިގަނޑުގެ ދަށުން ދޫކުރި 400 މިލިއަން ޑޮލަރުގެ މުއްދަތު މިއަދަށް ހަމަވެފައިވާއިރު، 2024 އިން 2027 އަށް އެކުލަވާލާފައިވާ އައު އުސޫލުގެ ދަށުން މިހާރު ދޫކުރާ ރޫޕީ ސްވޮޕް ފެސިލިޓީގައި އިންޓްރެސްޓް ރޭޓާއި އެހެނިހެން ޝަރުތުތަކަށް ބޮޑެތި ލުއިތަކެއް ދީފައިވާކަމަށް ހައިކޮމިޝަނުން ފާހަގަކުރެއެވެ.
2012 ވަނަ އަހަރު ސާކް ސްވޮޕް ފްރޭމްވޯކް ތަޢާރަފްކުރި ފަހުން، އިންޑިއާގެ މަރުކަޒީ ބޭންކުން ވަނީ ޖުމްލަ 1.1 ބިލިއަން ޑޮލަރުގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައެވެ. މީގެ އިތުރުން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން 100 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލްތަކުގެ މުއްދަތު ވެސް އިންޑިއާއިން ވަނީ މިދިޔަ އަހަރު އިތުރުކޮށްދީފައެވެ.
އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތާއި 'މަހާސާގަރު' ތަޞައްވުރުގެ ދަށުން ރާއްޖެއަކީ އެޤައުމުގެ މުހިންމު ބައިވެރިއެއްކަން ފާހަގަކޮށް، ދިވެހިރާއްޖެއަށް ދަތިވާ ކޮންމެ ވަގުތެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ އަވަށްޓެރި ޤައުމުގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އިންޑިއާ ސަރުކާރުން ވަނީ ދީފައެވެ.





