ހޫނު މޫސުމާ ދިމާކޮށް އެޑެލްވައިސްއިން ދަތުރުތައް އިތުރުކުރަނީ
މިއަހަރުގެ ހޫނު މޫސުމާ ދިމާކޮށް ސްވިޒަލެންޑްގެ އެޑެލްވައިސް އެއާއިން ދިވެހިރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމް.އޭ.ސީ.އެލް އިން މައުލޫމާތު ދޭގޮތުގައި، މިހާރު ކުރަމުންދާ ދަތުރުތަކުގެ އިތުރުން، ޖުލައި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ހަފުތާއަކު ދެ ފްލައިޓް އިތުރަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް ކުރުމަށް ތާވަލުކޮށްފައިވަނީ ކޮންމެ ހަފުތާއެއްގެ ބުދަ އަދި ހޮނިހިރު ދުވަހުއެވެ.

މި އިތުރުކުރެވޭ ދަތުރުތަކާއެކު، އެ މުއްދަތުގެ ތެރޭގައި ޖުމްލަ 21 ފްލައިޓް އިތުރަށް ރާއްޖެއަށް އަންނާނެއެވެ. އެޑަލްވިސް އަކީ ސްވިޒަލޭންޑުގެ ތިންވަނައަށް އެންމެ ބޮޑު އެއަރލައިން ކަމަށްވާއިރު، އެ އެއަރލައިނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި މުހިންމު ދައުރެއް އަދާކުރާ އެއަރލައިނެކެވެ.

އެޑަލްވިސްއިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 4 ނޮވެމްބަރު 2000 ގައެވެ. މިއަހަރަކީ އެ އެއަރލައިނުން ރާއްޖެއަށް ދަތުރުކުރާތާ 25 އަހަރު ފުރޭ އަހަރެވެ. މި ދިގު މުއްދަތުގައި އެ އެއަރލައިނުން ވަނީ މެދުކެނޑުމެއްނެތި ރާއްޖެއާއި ސްވިޒަލޭންޑާ ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދީފައެވެ.

އަދި މިއީ، މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ފްލައިޓްތައް އަންނަ ޑިމާންޑް މަދުވެފައިވާ ދުވަސްކޮޅެއްގައި ރާއްޖެއަށް އަންނަ ފަސިންޖަރުންގެ އަދަދު އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމަކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް