މިއަހަރުގެ މިހާތަނަށް ކަސްޓަމުން 86 ކިލޯ މަސްތުވާތަކެތި އަތުލައިގަނެފި

މި އަހަރުގެ މިހާތަނަށް މޯލްޑިވްސް ކަސްޓަމްސްއިން 86 ކިލޯ މަސްތުވާތަކެއްޗާއި 2003 ވޭޕް ސްޓިކް ރާއްޖެއަށްް އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާކަމަށް ދާހިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާނު ވިދާޅުވީ އެންމެ ފަހުން ވަޒީރު ނޫސްވެރިންނާ ބައްދަލުކުރެއްވި ތާރީހު ކަމުގައިވާ މާޗު މަހުގެ ފަސްވަނަ ދުވަހާއި މިއަދާ ދެމެދުގައި ކަސްޓަމްސްއިން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 14 މައްސަލައެއްގައި އިންޓަސެޕްޓުކޮށް އެތެރެކުރަން އުޅުނު ތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.

"ކަސްޓަމްސްއިން ފާއިތުވެދިޔަ ދުވަސްކޮޅުގައި، އަޅުގަނޑުމެން އެންމެ ފަހުން ބައްދަލުވީ މުއްދަތުގެ ފަހުން 14 މަސްތުވާތަކެތީގެ މައްސަލާގައި އިންޓަސެޕްޓުކޮށްފައިވޭ. ކުރީގައި ދެންނެވުނު އަދަދުގައި ހިމެނޭ 38 ކިލޯ މަސްތުވާތަކެއްވަކީ ކަސްޓަމްސްގެ ބުރަމަސައްކަތުން ހިފަހައްޓާފައިވާ މަސްތުވާތަކެތި،" އިހުސާން ވިދާޅުވިއެވެ.

އިތުރަށް ވަޒީރު ވިދާޅުވީ ވަޒީރު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވި ދުވަހާ މިއަދާ ދެމެދުގައި ކަސްޓަމުން އަތުލައިގަތް 38 ކިލޯ މަސްތުވާތަކެތި ހިމެނޭހެން ޖުމްލަ 86 ކިލޯގެ މަސްތުވާތަކެތި ފާއިތުވި މުއްދަތުގައި ކަސްޓަމުން ހިފަހައްޓާފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ އިތުރަށް ރާއްޖެއަށް އެތެރެކުރުމާއި އޭގެ ވިޔަފާރިކުރުން މިވެރިކަމުގައި މަނާކޮށްފައިވާ ވޭޕު އެތެރެކުރުން ހުއްޓުވުމަށްވެސް ކަސްޓަމުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި އަހަރުގެ މިހާތަނަަށް ރާއްޖެއަށްް އެތެރެކުރަން އުޅުނު 2003 ވޭޕްސްޓިކް ކަސްޓަމުންވަނީ އަތުލައިގަނެފައެވެ.

އިހުސާން އިތުރަށް ވިދާޅުވީ މާޗު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކުރެވުނު މަސައްކަތްތަކުން 39.4 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައި ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް