ކޮރަޕްޝަން ހުއްޓުވުމުގެ ހެޔޮބަދަލަކަށް އޭސީސީން 5 އަހަރުގެ ޕްލޭނެއް
ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އަމަލުކުރާނެ ސްޓްރެޓީޖިކް ޕްލޭނެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ރަސްމީކޮށް ނެރެފިއެވެ.
މި ޕްލޭނަކީ ކޮމިޝަނުގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކޮށްގެން، ކޮރަޕްޝަންގެ ނުރައްކާ ބޮޑު ދާއިރާތަކަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ މަގުޗާޓެކެވެ. އޭސީސީން ހާމަކުރި ގޮތުގައި ފަސް ދާއިރާއަކަށް ބެހިފައިވާ މި ޕްލޭންގެ މައިގަނޑު މަގްސަދަކީ ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތުން އާންމުންނަށް ބަދަލުތައް އިހުސާސްވާނެ ފަދަ ނަތީޖާއެއް ނެރުމެވެ.

މިއަދު އޭސީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހުކޮށްދެއްވީ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް އާއި ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހުޔާ އަލް ގަހުތާނީ އެވެ. މި ޕްލޭނާ ގުޅޭގޮތުން ކޮމިޝަނުން ބުނީ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ.

މި ޕްލޭންގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި އިދާރީ ހިންގުން ހަރުދަނާކުރުމާއި، ގައުމީ ނަޒާހަތްތެރިކަން ވަރުގަދަކުރުމާއި، ދައުލަތުގެ ޕްރޮކިއުމަންޓާއި ސަރުކާރު ކުންފުނިތަކުގެ ހިންގުން އިސްލާހުކުރުން ހިމެނެއެވެ. މީގެ އިތުރުން ސިޔާސީ ދާއިރާގައި ހިނގާ ކޮރަޕްޝަން ހުއްޓުވުމަށް ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ ހިމަނާފައެވެ. ނަޒާހަތްތެރިކަން އާލާކުރުމަށްޓަކައި ހުރިހާ އުމުރުފުރާތަކަކަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމާއި، އެންޓި-ކޮރަޕްޝަން އެކަޑަމީ މެދުވެރިކޮށް ތަމްރީނުތައް ފުޅާކުރުމަކީ ވެސް މި ޕްލޭންގެ އިސްކަމެއް ދީފައިވާ ކަމެކެވެ.

އޭސީސީން އިތުރަށް ބުނި ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަންގެ ބިރު ބޮޑު ތަންތަން ދެނެގަނެ، އެ ތަންތަނުގެ ނިޒާމުތައް މޮނިޓާކޮށް އިސްލާހުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރެވޭނެއެވެ. އަދި ސިޔާސީ ކޮރަޕްޝަން ހުއްޓުވުމާއި، އިންސާފުވެރި އިންތިހާބުތަކެއް ކަށަވަރުކުރުމާއި، ވަޒީފާ ދިނުމުގައި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށް ބާރުއަޅައި، ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުކުރުމަކީ މި ފަސް އަހަރުގެ ޕްލޭންގެ މުހިންމު ބައެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް